ރައްޔިތުންގެ މަޖިލިސް

މަޖިލިސް މެންބަރުންގެ ވަފްދެއް ޗައިނާއަށް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހިމެނޭ ވަފްދެއް ޗައިނާއަށް ވަޑައިގެންފި އެވެ.

މިވަފްދުގައި އިސްކޮށް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމު އެވެ.

ޗައިނާ ދެކުނު އޭޝިއާ ކޯޕަރޭޝަން ފޯރަމުގައި ބައިވެރިވެވަޑައިގަތުމަށް މެންބަރުން ކުރައްވާ މިދަތުރުފުޅުގެ ތެރެއިން ފޯރަމުގައި ނާޒިމު ތަގުރީރުކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.

ޗައިނާއަށް ވަޑައިގެންނެވި މެންބަރުންގެ ތެރޭގައި ހިމެނެނީ ނާޒިމުގެ އިތުރުން ޕީއެންސީ އަށް ނިސްބަތްވާ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ)އާއި، ފޭދޫ ދެކުނު ދާއިރާގެ މެންބަރު އބްރާހީމްދީދީ (އައިބީ)އާއި، މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުއްގާދިރުގެ އިތުރުން އެމްޑީޕީގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ) އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމާ އެކު ޗައިނާއާއި ރާއްޖެއާއި ދެމެދު އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފަ އެވެ. އެގޮތުން މިވަގުތުވެސް ތިން މިނިސްޓަރަކު ތިއްބެވީ ޗައިނާ ގައެވެ.