ޑރ. މަރްޔަމް މާރިޔާ

އަމާޒަކީ ޓެކްނޮލޮޖީއިން ގުޅިފައިވާ ތައުލީމީ ތަނަކަށް ރާއްޖެ ހެދުން: މާރިޔާ

އަމާޒަކީ ޓެކްނޮލޮޖީގެ ވަސީލަތްތަށް މެދުވެރިކޮށް ހުރިހާ ދަރިވަރުންނަށް ހަމަހަމަ ފުރުސަތު ލިބިގެންދާ ތައުލީމީ ނިޒާމެއް ގާއިމްކޮށް ރާއްޖޭގެ ރަށްތަކަކީ ޓެކްނޮލޮޖީގެ ޒަރިއްޔާއިން ގުޅިލާމެހިފައިވާ ތައުލީމީ ތަނަކަށް ހެދުން ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.

"ގްލޯބަލް އެޑިޔުކޭޝަން ކޮންފެރެންސް 2024" ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު މާރިޔާ ވިދާޅުވީ އޭއައި ފަދަ ޓެކްނޮލޮޖީތައް ތައުލީމީ ދާއިރާގައި ބޭނުންކުރާއިރު ސަމާލުވާން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

އެ ގޮތުން ދަރިވަރުންނާއި މުދައްރިސުން މިފަދަ ވަސީލަތްތަށް ބޭނުންކުރަމުން ދަނީ ވިސްނުންތެރިކަމާއި ޒިންމާދާރު ގޮތެއްގައިކަން ކަށަވަރުކުރުމަށްޓަކައި އޭއައި ލިޓްރެސީ ފަދަ މާއްދާތައް މުގައްރަރުގައި ހިމަނަންޖެހޭ ކަމަށް މާރިޔާ ވިދާޅުވި އެވެ.

"އަމާޒަކީ ޓެކްނޮލޮޖީގެ ވަސީލަތްތަށް މެދުވެރިކޮށް، ހުރިހާ ދަރިވަރުންނަށް ހަމަހަމަ ފުރުސަތު ލިބިގެންދާ ތައުލީމީ ނިޒާމެއް ގާއިމުކޮށް، ދިވެހިރާއްޖޭގެ ރަށްތަކަކީ ޓެކްނޮލޮޖީގެ ޒަރިއްޔާއިން ގުޅި ލާމެހިފައިވާ ތައުލީމީ ތަނަކަށް ހެދުން،" މާރިޔާ ވިދާޅުވި އެވެ.

ރާއްޖޭއަކީ ކުދިކުދި ރަށްތަކަކުން އުފެދިފައިވާ ގައުމަކަށްވާއިރު މިފަދަ ގައުމެއްގެ ހުރިހާ ކަންކޮޅުތަކެއްގައި އެއް ފެންވަރެއްގެ ވަސީލަތްތައް ބޭނުންކޮށް ތައުލީމު ފޯރުކޮށްދިނުމުގައި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. ނަމަވެސް މިފަދަ ގޮންޖެހުންތަކުން އަރައިގަނެ، "ސްމާޓް އެޑިޔުކޭޝަން" ނުވަތަ ޓެކްނޮލޮޖީ ބޭނުންކޮށް ތައުލީމު ފޯރުކޮށްދިނުމުގެ ފުރުސަތުތައް ހޯދަންޖެހޭ ކަމަށް ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ކޮށްފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި ދުރާލައިރާވައިގެން މަސައްކަތްތައް ކުރިއަށް ގެންދިޔުމާއި މަތީ ތައުލީމުގެ ދާއިރާގައި ޓެކްނޮލޮޖީ ބޭނުންކޮށް އޮންލައިންކޮށް ތައުލީމު ފޯރުކޮށްދިނުމަކީ ރާއްޖެއަށް ބޭނުންވެފައިވާކަމެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.