ވިޔަފާރި

ނަލަހިޔާގެ އާ ޝޯ ރޫމް، "ކޮންޑެކޯ" ހުޅުވައިފި

"ކޮންޑެކޯ"ގެ ނަމުގައި ނަލަހިޔާގެ މުޅިންއާ ޝޯރޫމެއް ހުޅުވައިފި އެވެ.

މަޖީދީމަގު ނަލަހިޔާގެ ކުރިމަތީގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކޮންޑެކޯ ޝޯރޫމް ހުޅުވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.

ނަލަހިޔާ އިން ބުނީ އެކުންފުނިން އަލަށް ހުޅުވި މި ޝޯރޫމުގައި ތައިލެންޑުގެ އެންމެ ބޮޑު ކުންފުނި، އެސްސީޖީގެ އުފެއްދުންތައް ލިބެން ހުންނާނެ ކަމަށާއި އެގޮތުން އެސްސީޖީ ސިމެންތި، ރޫފިން، އެކްސެލަރ އަދި ސީލިން އެންޑް ވޯލްއާއި އެކި ބޭނުން ތަކަށް ބޭނުން ކުރެވޭ ސްމާޓް ބޯޑާއި ސްމާޓް ވުޑް ލިބެން ހުންނާނެ ކަމަށެވެ.

ސްމާޓް ބޯޑާއި ސްމާޓް ވުޑްއަކީ އާންމުކޮށް ބާޒާރުގައި ލިބެން ހުންނަ ވައްތަރާއި ހިލާފަށް ފެނުގެ އަސަރު ކުރިޔަސް ރަތް ނުވާ އަދި ރާއްޖޭގެ މޫސުމަށް އެންމެ އެކަށޭނެ ގޮތައް އެސްސީޖީ އިން އުފައްދާފައިވާ ޕްރޮޑަކްޓެއް ކަމަށް ނަލަހިޔާ އިން ފާހަގަ ކުރެއްވި އެވެ.

މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖޭގެ ކެޕިޓަލް ސިޓީގައި މިފަދަ ޝޯރުމްތަކުގައި ބެހެއްޓިފައި ހުންނަ ފެންވަރު ރަނގަޅު ސާމާނުގެ ސަބަބުން ކޮންސްޓްރަކްޝަން ދާއިރާއަށް ވަރަށް ލުއި ފަސޭހަތަކެއް އަދި ކުރިއެރުންތަކެއް ލިބޭ ކަމަށާއި އަދި މިފަދަ ކަން ކަމަށް ސަރުކާރުން ވަރަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ކޮންޑެކޯއިން އެސްސީޖީގެ އުފެއްދުންތައް މާކެޓަށް ނެރޭއިރު އެކުންފުންޏަކީ ދުނިޔެ ފެންވަރުގައި އިމާރަތް ކުރުމުގެ ސާމާނު އުފައްދާ ކުންފުންޏެކެވެ. އަދި ނަލަހިޔާއަކީ އެސްސީޖީގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ އެވެ.