ދުނިޔެ

ޣައްޒާގެ ގަބުރުސްތާންތަކުގައި ޖާގައެއް ނެތް، އެކަމަކުވެސް ގަތުލުއާންމު ކުރިއަށް

އިޒުރޭލުގެ އުދުވާނީ ހަމަލާތަކުގައި ފާއިތުވެ ދިޔަ 10 މަސް ދުވަހުގެ ތެރޭގައި 40،000 އަށް ވުރެ ގިނަ މީހުން ވަނީ މަރާފަ އެވެ. މިއީ އާންމު ހާލަތުގައި މި މުއްދަތުގެ ތެރޭގައި މީހުން މަރުވާނެ އަދަދެއް ނޫނެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޣައްޒާގެ ގަބުރުސްތާންތަކުން ޖާގަ ހުސްވެއްޖެ އެވެ. ގަބުރުތައް ވަޅުލުމަށްޓަކައި ހާއްސަ ތަނެއް ހެދުމަކީވެސް އިޒުރޭލުގެ އަނިޔާވެރި ހަމަލާތަކާ ހެދި ކުޅަދާނަ ކަމެއް ނޫނެވެ.

ކަށުކަމާކެމީގެ މަސައްކަތުގައި އުޅޭ މީހުން ބުނާ ގޮތުން ގަބުރުތައް ވަޅުނުލެވި ކުނިވަނީ އެވެ. ހަޔާތުގެ ބޮޑުބައި ކަށުކަމާކެމީގެ މަސައްކަތްތަކުގައި އުޅޭ ސާދު ހަސަން ބަރަކާތު ބުނި ގޮތުން އެއްފަހަރާ ގިނަ އަދަކަށް މީހުން ވަޅުލަން ޖެހުމުން ސަރަހާތައް ފުރުނީ އެވެ.

ހަސަން ބަރަކާތު ބުނި ގޮތުން ހަނގުރާމައިގެ ކުރިން ދުވާލަކު ވަޅުލަން ޖެހެނީ މަދު ގަބުރެކެވެ. ނަމަވެސް ހަނގުރާމައިގެ ސަބަބުން ދުވާލަކު 70، 80، 100 އަދި އެއްފަހަރާ 300 މީހުންވެސް ވަނީ ވަޅުލާފަ އެވެ.

ގަބުރު މަތީގައި ގަބުރު ވަޅުލަމުން ގޮސް މިހާރު އެ ޖާގަވެސް ފުރިއްޖެ ކަމަށް ބަރަކާތު ބުންޏެވެ. އޭނާ އަދި ބުނީ ސަހަރާތަކުގައި ތިން ފަށަލައަށް މީހުން ވަޅުލާފައިވާ ކަމަށެވެ.

ޣައްޒާގައި ސަރުކާރުގެ ގަވާއިދާ އެއްގޮތަށް ގަބުރުސްތާންތަކުގައި މީހުން ވަޅުލުމަށް އެއްވެސް އަގެއް ނުނަގަ އެވެ.

ބަރަކާތު ބުނި ގޮތުން ތިން ފަަށަލައަށް ވަޅުލަން ބޭނުންނުވާ އާއިލާތަކަށްވެސް މިހާރު އެ އިޚުތިޔާރެއް ނެތެވެ. އެ އިޚުތިޔާރު އޮތްއިރު ވަކި ތަންކޮޅެއް -- ވަކި މީހަކަށް މަހާނައެއް ޚާއްސަކޮށްދެނީ 80 ޑޮލަރަށް ކަމަށް އޭނާ ބުންޏެވެ.

އިޒުރޭލުގެ ހަމަލާތަކުގައި ގެދޮރު ގެއްލިފައިވާ މުހައްމަދު އަބްދުﷲ ބުނީ ޔަހޫދީންގެ ހަމަލާތަކާ ހެދި މީހުން ވަޅުލުން ތަކުލީފަކަށް ވެފައިވާ ކަމަށެވެ. ޒަޔަނިސްޓުން ހަމަލާދޭއިރު ގަބުރުސްތާނެއް އަދި މަދަރުސާއެއް ނުބަލާ ކަމަށްވެސް އޭނާ ބުންޏެވެ.

ގަބުރަށް ވަޅު ކޮންނައިރު ކުރިން ވަޅުލާފައި ތިބި ގަބުރުތައް ހާމަވެ ގެއްލުންވާ ކަމަށްވެސް މުހައްމަދު އަބްދުﷲ ބުންޏެވެ. ޔަހޫދީންގެ ހަމަލާތަކުގައި މަހާނަތައް އޮޅި ވަޅުކޮނެވިފައި ހުންނަ ކަމަށްވެސް އޭނާ ބުންޏެވެ.