ރިޕޯޓް

ެ

ރައީސް އަބްދުﷲ ޔާމީން ވެރިކަމާއި ހަވާލުވެވަޑައިގެން ފަހުން ދެ އަހަރު ހިނގައި ގޮސްފިއެވެ. މިދުވަސް ތަކުގައި ހީވެސް ނުކުރާ ފަދަ ބޮޑެތި ބަދަލުތައް ތޮއްޖެހި ބާރުވެފައި އޮތް މާލެ ތެރެއަށް ވެސް އަތުވެއްޖެ އެވެ. އިޖްތިމާއީ ބޮޑެތި ބަދަލުތަކެއްގެ އިތުރުން މީގެ ކުރިން ނުފެންނަ ވަރުގެ ބޮޑެތި ތަރައްގީގެ މަޝްރޫއުތައް ފެންނަމުންދާކަން އެއީ ދެބަސް ނުވާނެ ހަގީގަތެކެވެ. ހަމައެކަނި ލޮނުޒިޔާރަތް ކޮޅަށް ބަލައިލިއަސް ފުދެ އެވެ. ބްރިޖުގެ މަސައްކަތަށް ޗައިނާގެ ސީސީސީސީ ކުންފުނީގެ މުވައްޒިފުން އެ ސަރަހައްދަށް ދިރިއުޅުން ބަދަލު ކުރަމުން ދާއިރު ކުރިން އޮންނަ ލޮނުޒިޔާރަތް ކޮޅު ގެއްލި "ޗައިނާ ޓައުން" އެއްގެ ސިފަ ޖެހެން ވަނީ ފަށާފަ އެވެ.

މޯލްޑިވްސް-ޗައިނާ ފްރެންޑްޝިޕް ބްރިޖު އަޅަން ތައްޔާރުވާން ސަރުކާރުން ޗައިނާގެ ކުންފުންޏަށް މާލެއިން ދީފައިވަނީ ލޮނުޒިޔާރަތްކޮޅެވެ. އެއީ ދިރާގުގެ އިވެންޓުތަކާއި ފޯރިގަދަ މިއުޒިކު ޝޯތައް ފަދަ ގިނަ ހަނދާންތަކެއް ގުޅިފައިވާ ތަނެކެވެ. އަރާ އިރާއިއެކު މުސްކުޅި އަދި ޒުވާން އުމުރުފުރާގެ މީހުން ކަސްރަތު ކުރުމަށް އަޑިޕާކަށް ޖަމައިވާ އިރު، އިރުއަރާ މަންޒަރު ބަލާލުމަށް އާއިލާއާއި އެކު ރާޅުގަނޑު ސަރަހައްދަށް ދާ މީހުންގެ ސަރަހައްދެކެވެ.

"ރާޅުގަނޑާއި އުސްފަސްގަނޑު ވަރަށް މިސް ވޭ. އެއީވެސް ވަރަށް ހިއްފަސޭހަ ހިސާބެއް. މިހާރު ލޮނުޒިޔާރަތްކޮޅު އޮތްގޮތް ފެނުމުން އިތުރަށް އުންމީދުތަކެއް އާވެގެންދޭ. ބްރިޖްގެ މަސަކަތް ފެށުމާއެކު ފުރަތަމަ ދުވަހުން ފެށިގެން ހީވެސް ނުވޭ އެއީ މާލޭގެ ސަރަހައްދެއް ކަމެއް، ބްރިޖް އަޅާ މީހުންގެ މަސައްކަތް ވަނީ ފުޅާކޮށްލާފައި،" އާދަވެ އެސަރަހައްދަށް ގޮސް އުޅޭ މީހަކު ބުންޏެވެ.

މިހާރު ރާޅުގަނޑާއި އުސްފަސްގަނޑު އަދި އަޑިޕާކު އެވަނީ ތާރީހުގެ ތެރެއަށް ގޮސްފައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ސަބަބަކީ އެތަން އެކީ ހުސް ކުރުމަށް ފަހު ސީސީސީސީގެ މުވައްޒިފުންގެ އޮފީސް އިމާރާތާއި ގެތައް އަޅައި ތަރައްގީ ކުރަން ވަނީ ފަށާފައެވެ.

ބްރިޖު މަސައްކަތުގައި އިސްކޮށް އުޅުއްވާ ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވީ މިވަގުތު އެސަރަހައްދު ފެންނަން އޮތްގޮތް ބަދަލުވެ ވަރަށް ތަފާތު މަންޒަރެއް ލޮނުޒިޔާރަތް ކޮޅުން ފެންނާނެ ކަމަށެވެ.

"މިހާރުވެސް އެ ސަރަހައްދަށް ގިނަ އަދަދެއްގެ ލޭބަރުން އައިސް އެބަ ތިބި. އެމީހުން ނިދަން ބޭނުންވާ ތަންތަނާއި އޮފީސް އިމާރާތް އެފަދަ ކަންކަން ކުރިޔަށް މިހާރު އެދަނީ. 17 ކޮންޓެއިނަރެއްގައި މި ސަރަހައްދަށް ބޭނުންވާ ހައުސިން މެޓީރިއަލްގެ ސާމާނު އައިސް އެ މަސައްކަތް ކުރިޔަށް ގެންދަމުން އެބަދޭ،" މުއްތަލިބު ވިދާޅުވި އެވެ.

ލޮނުޒިޔާރަތްކޮޅުގައި ކުރިޔަށް އޮތް ދެއަހަރުގައި އުޅޭނީ ޗައިނާ މީހުންނެވެ. އަދި މިހާރުވެސް އެ ސަރަހައްދާ ގިނަ ދިވެހިން ޗައިނާ މީހުނާއި ވާހަކަ ދައްކަން މަސައްކަތް ކުރާ މަންޒަރުވެސް ފެނެއެވެ. ހެންވޭރުގައި ދިރިއުޅޭ މީހުންގެ އަވަށްޓެރިން ގޮތު އެވެ.

މިއީ އާ މަންޒަރެކެވެ. ކުރިން ނުދެކޭ ވަރުގެ ބޮޑު ކޮންސްޓަރަކްޝަން ސައިޓެއްގައި ބޮޑެތި އުޅަނދުތައް ހަރަކާތްތެރިވާ ތަނެވެ. ޗައިނާއިން އަޅައިދޭ ބްރިޖުގެ އަމަލީ މަސައްކަތް އެންމެ ގާތުން ފެންނާނެ އަދި އެ މަންޒަރުންތަކުން އުފާ ލިބެމުންދާނެ އެވެ. މިހާރުވެސް ބްރިޖު އެޅުމަށް ކަނޑުމަތީ ކުރަން ޖެހޭ ކަންކަން ކުރަން ގެނެސްފައިވާ ބާޖުތައް ފެނި ގިނަ ބަޔަކު އެމަންޒަރަށް ހުއްޓިލައިގެން ތިބެ އެވެ.

ބްރިޖެއް އަޅައި ވާހަކައަކީ އެއް އިރެއްގައި ވެސް ދިވެހިންނަށް އާ ވާހަކައެއް ނޫނެވެ. މިހާތަނަށް ވެރިކަމަށް އައި ކޮންމެ ބޭފުޅެއް ވެސް ރިޔާސީ އިންތިހާބުގައި ބްރިޖް އަޅަ އެވެ. ނަމަވެސް ބްރިޖް ހަގީގަތަކަށް ހައްދަވައި ދެއްވަނީ ރައީސް ޔާމީނެވެ. ބްރިޖްގެ މަސައްކަތަށް ލޮނުޒިޔާރާތްކޮޅު އެވަނީ މުޅިން ބަދަލުވެފައެވެ.