ކަނޑު އޮތް ގިރި

ރަށް ވަށައި މަޑީގެ ލަޝްކަރެއް!

މިއީ މާކަނޑުގައި އޮތް ކުޑަކުޑަ ގާ މަތީ ރަށެކެވެ. ރަށް ކުޑަޔަކަށްސް ސަރުކާރުގެ މަސް ކުންފުނި ހިންގާ މިރަށް، ކ. ކަނޑުއޮތްގިރީގެ ވާހަކަ ބޮޑެވެ؛ ތަފާތު ރަށެކެވެ. ކަނޑުން އަރައިގެން އަންނަ ރޯޅި ހުރިހާ ދިމާއަކުން ބީހޭ މި ކުޑަކުޑަ ރަށުގައި މިފްކޯގެ 200 އެއްހާ މުވައްޒަފުން އަވަދިނެތި އުޅެނީ މަސްވެރިކަމުގެ ތަފާތު ގިނަ މަސައްކަތްތުގަ އެވެ. އެހެން ނަމަވެސް ކާރުހާނާއެއްގެ ގޮތުގައި އޮތް މިރަށުގައި އެންމެ ހާއްސަ އެއް ވަގުތުކޮޅަކަށްވާނީ ހެނދުނު އިރު އަރައިގެން އަންނަ ވަގުތުކޮޅެކެވެ. ބޮޑެތި ބިޔަ މަސް ދޯނިތައް ރަށް ވަށާލައި މަސް ކިރުވަން ކިރުވާއިރު ކަނޑާ މަހުން މޫދަށް ބަނޑުން ކޮށްލާ ފުނިވަރާއެކު ބަޑިޖަހާފައި ތިލަވާ އެތަކެއް ސަތޭކަ މަޑި މުޅި ރަށް ވަށައި ކިލަނބު ކޮށްލައި ފުމެ އަރާ މަންޒަރަކީ އާދައިގެ ކަމެއް ނޫނެވެ. ހީވަނީ ކުޑަކުޑަ މިރަށް ކައިލާން އުޅޭހެންނެވެ.

އާންމުކޮށް މިގޮތަށް ބައިގަނޑުގަނޑަށް މަޑި ތިލަވެފައި އޮންނަނީ ރިސޯޓްތަކުގެ ފާލަން ކައިރިއަށެވެ. އެހެން ނަމަވެސް ތިންސަތޭކަ ހަތަރު ސަތޭކައެއްހާ ނަރު ނަގޫ މަޑި އެއް ދިމާއަކަށް ފުނިޖެހި އެކަތި އަނެއްތީ މައްޗަށް އަރައި ކާން އުޅޭ މަންޒަރު ކަނޑު އޮތް ގިރިން ނޫނީ ފެންނާނެހެނެއް ހީއެއް ނުވެއެވެ.

"މިރަށުން ފެންނާނީ 200 އެއްހާ މީހުން، އެކަމަކު މިއީ ވެސް މިރަށާ ގުޅިފައިވާ ބޮޑު އާބާދީއެއް، ފަޅުތެރޭ މި ރަށުގެ ހިދުމަތުގައި ދިރިއުޅޭ އެތައް ސަތޭކެ މަޑިއެއް އުޅޭނެ،" ފަންބަޑި އާއި ބާނި އުފެއްދަމުންދިޔަ މަޑީގެ ބިޔަ އައިން ފެނިފައި އާޝޯހު ވެފައި ތިބި މީހުންނަށް މިރަށުގެ މުވައްޒަފަކު ކިޔައިދިނެވެ. އޭނާގެ ވާހަކައިން އަހަރެމެނަށް ޖަހައިލެވުނީ އަތްތިލަ ބަޑިއެވެ. އަދި އަތްލެވޭ ހިސާބު ތިލައިގައި މަޑިތައް އުޅުނު މަންޒަރު ބަލަން ދަމަކަށް އިރު އަރައި ގަދަ ހޫނުން ބޯ ފިއްސާން ފެށި އިރުވެސް ތިބެވުނެވެ.

ހަމަ އެންމެ ސުވާލެކެވެ، މިރަށުގައި މިހާ މަޑި ގިނައީ ކީއްވެގެން ހެއްޔެވެ؟

ޖަވާބުދިނީ މި ރަށުގައި މަސައްކަތްކުރާ ޒުވާން މުވައްޒަފެކެވެ:

"މިރަށުގެ ފަޅުތެރޭގައި އަބަދުވެސް މަޑި އުޅޭ އަދި ވަރަށް ގިނައިން ގޮނޑުދޮށަށް ބީއްސާ ހަދާނެ، އެހެންވެ އަޅުގަނޑުމެން މަޑިތަކަށް ކާނދޭން ފެށީ އެހިސާބުން އެއްގަޑިއެއްގައި ތިލަވާން ފެށީ މިހާރު އެ ސޮރުމެނަށް އެނގޭނެ ކާންދޭ ގަޑިތައް އެންވެ އެ ގަޑިތަކަށް ހުރިހާ މަޑިތަކެއް އެކީގައި ތިލަވާނެ، އެގޮތަށް އާދަވުމުން އަހަރެމެން މިރަށުގެ މުވައްޒަފުން އަބަދު ވެސް މަޑިތަކަށް ކާން ދޭނެ! އެއްވެސް މުވައްޒަފަކު އެއިން މަޑިއަކަށް ގޯނާއެއް ނުކުރާނެ، އަނިޔާ ކުރަންޏާ މަޑިތައް ތިލައެއް ނުވާނެ، މީހުން އުޅޭ ރަށްރަށުގައި އާންމުކޮށް މަޑިތައް ނާރަނީ އަނިޔާ ކުރާތީ،"

މިކަހަލަ މަންޒަރެއް ފެންނާނީ މަދު ރަށަކުންނެވެ. ހާއްސަކޮށް ކަނޑުގެ ދިރުންތަކުގެ ތެރެއިން މަޑި ފަދަ ތަކެއްޗަކީ ރިސޯޓުތަކުގެ ފާލަން ކައިރިން ނޫނީ އޮލަވެފައި އޮއްވާ ނުފެންނަ ދިރުންތަކެވެ. މަޑިއަކީ އޭގެ ޒާތުގައި ތިލަ ގޮނޑުދޮށަށް ލޯބިކުރާ އެއްޗެކެވެ. ގޮނޑު ދޮށުގަ ހެދޭ ކިސަޑު ފަށަލައި ތެރޭގައި ފޮރުވިގެން އުޅުމަކީ މަޑީގެ މިޒާޖުގައި ހިމެނޭ ކަމެކެވެ. ނަމަވެސް މީހުން ދިރިއުޅޭ ރަށްރަށުގައި ވަރަށް ގިނަ ފަހަރަށް މަޑިއަށް އަނިޔާ ކުރެ އެވެ. ހިފައި މަރާ ހަދަ އެވެ. އެހެންވެ މަޑީގެ އައިން ރަށާ ބީރައްޓެހިވެ ތިލައިން ފުން ހިސާބަށް ދަތުރު ކުރެއެވެ. ކަނޑުއޮތް ގިރީގެ މި މާހައުލު ތަފާތުވަނީ އެހެންވެގެނެވެ.

މި ކުޑަ ރަށުގައި ބިދޭސީންނާއި ދިވެހިން އުޅޭ އިރު އޭގެ ތެރޭ ގިނައީ ޒުވާނުންނެވެ. މި ރަށުގެ ފަޅުތެރޭ ބައި ހަދާފައި އުޅޭ މަޑިތަކަކީ މި ރަށުގެ މަސައްކަތު އާބާދީއާ "ރަހުމަތްތެރި ބަޔަކަށް" ވީ ކޮންމެ ދުވަހަކު ވެސް މަޑިތަކަށް ކާންދީ މަޑިތަކަށް ލޯބިދޭތީ އެވެ.

"މަޑިތައް އެގޮތަށް އައިސް ތިބުމުގެ އަސްލަކީ ކާންދިނުމާއި އަނިޔާ ނުކުރުން މިހެން މަޑިތައް ތިލަވެފައި އޮންނަ ގަޑިތަކަށް ކައިރި ރިސޯޓްތަކުން ޓޫރިސްޓުން ވެސް އާދޭ، އެއީ ބައެއް ރިސޯޓްތަކުން ޓޫރިސްޓުންނަށް އަޅައިދޭ ދަތުރުތަކުގެ އެއްބަޔަށް އޮންނަނީ ވެފައި، އަދި މިރަށަށް ހާއްސަ ސިފައަކަށް ވެސް ވަނީ މިކަންވެފައި،" މިރަށުގައި މަސައްކަތް ކުރާ އެހެން ޒުވާނަކު ބުންޏެވެ. އޭނާ އޭރުވެސް އުޅުނީ މަޑިއަށް ކާން އަޅާށެވެ.

ކަނޑިއޮތްގިރި ލަފާ މަސްދޯނި ފަހަރުން ބާކީވާ އެންގަނޑު ވެސް މަސްވެރިން ދެނީ މަޑިއަށެވެ. މަސްވެރިން އަމޭ ކިޔާފައި އޮއްސައޮލާ ރެއްސާއި މުގުރާމާއި ނިލަމެހީގެ ބާލިދީތަކާ ދިމާއަށް މަޑިތައް ފުމެ އަރައިގެނެވެ. ދިލަ އަވީގެ ތެރޭގައި މަޑިތައް ފުމެ ކައި އަތް އަތަށް ކަށި ހުރާއިރު ތިލަ ފެނުގެ ބާނީގެ ތެރެއިން އިރުގެ ދަޅަޔާއެކު ފެންނަ މަންޒަރަކީ އަޖައިބު އަންތަރީސްވާހާ ހިތްގައިމު މަންޒަރެކެވެ. އެކަހަލަ ވަގުތުކޮޅެއްގައި ފޮޓޯ ނަގާ މީހާ މޮޔަވެދާނެ އެވެ.

މި ރަށަކީ މަހުގެ ރަށެކެވެ. ގުދުރަތީ ގޮތުން މާ ރީތި ނަލަ ރަށެއް ނޫނެވެ. ދޮންވެލިކޮޮޅެއް ހާލުން ނޫނީ ނޯންނަ އޮއްގަލުން ފުރިފައިވާ ރަށެކެވެ. މި ރަށުގެ ރީތި ކަމަކީ ރަށް ވަށައި އޮތް މަޑީގެ ލަޝްކަރާއި އެވެރިންގެ ފޮނި ދައްކަލުމުގެ ހަރަކާތެވެ. މިރަށުގެ މަޑީގެ ބިޔަ ލަޝްކަރުގެ ސަބަބުން މަސްކާރުހާނާއަކާ އެއްވަރަށް ޓޫރިސްޓުން ޒިޔާރަތް ކުރާ މަންޒިލަކަށް ވެސް ވަނީ ވެފައެވެ. މަޑިތައް ތިލަވާ މަންޒަރު ބަލަން ޓޫރިސްޓުން އާދެ އެވެ. މަޑިތަކާއެކު ސްނޯކަލް ކުރެ އެވެ. ފޮޓޯ ނަގައި އިންސްޓަގްރާމް ކުރެ އެވެ. އެ ފޮޓޯތަކުން ފެންނާނީ މަޑީގެ ރަށެއްގެ ގޮތު އެވެ.

"އަބަދުވެސް ޓޫރިސްޓުން އައިސް ޑައިވްކުރޭ މަޑިތައް އޮންނަ ސަރަހައްދަށް އެމީހުނަށް ވަނީ ވަރަށް ރީތި މަންޒަރަކަށް، މިއީ އަހަރެންމެން ވެސް އުފާވޭ އެމަންޒަރު ފެނުނީމަ، މިރަށުގައި މަސައްކަތު އުޅޭއިރު އޭގެ ސަބަބުން އަހަރެމެން ވެސް ހިތް އުފާވޭ" ބިދޭސީއަކު ބުންޏެވެ.

މިއަދު ދެން މިދިޔައީ އެވެ. މަސްކިރުވާފައި ދޯނިތައް ވެސް ނައްޓާލީ އެވެ. މަޑިތައް ވެސް ކައި އަވަދިވުމާއެކު ރާޅުމަތީ ނަގޫ ތަޅަމުން ފުނަށް ދަތުރު ފެށީ އެވެ. ދެން މާދަމާ އެވެ. ހެނދުނު އިރު އަރައިގެން އަންނަ ވަގުތާއި ދޯނިފަހަރު މަހުން ލަފާ ވަގުތެވެ. ކެމެރާ ހިފައިގެން އަންނައްޗެވެ.