އަވަސް ވީކެންޑް

އުންމީދުގެ ދޯދިތައް ބަލަން އެންމެން އިރުމަތީ ފަރާތަށް!

މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖެ ދުށް މަންޒަރުތަކަށް ބަލާ އިރު، ރައީސް ޔާމިން ކުރިޔަށް އެޅުއްވި ހުރިހާ ފިޔަވަޅުތަކަކީ ބަޔަކު އެންމެ ހިތްހަމަ ޖެހޭ ކަންކަމަށް ނުވެދާނެ އެވެ. އަދި އެމަނިކުފާނުގެ ވިސްނުން ގެންގުޅުއްވާ ގޮތްވެސް ކަމުނުގޮސް އެއީ ހަރުކަށި ވިސްނުންތަކެއް ކަމަށް ވެސް ބުނާބަޔަކު ތިބެދާނެ އެވެ. އެކަމަކު އެ އެންމެން ވެސް އިއުތިރާފްވާ އެއް ކަމެއް އެބަ އޮތެވެ. ރައީސް ޔާމީން ރާއްޖެއާ ދޭތެރެ ދެކޭ ތަފާތު ވިޝަން އެވެ. ތާރީހުގައި ނުދެކޭ ވަރުގެ މެގަ ޕްރޮޖެކްޓްތަކާ އެކު ރާއްޖެ އުފުލައިލުން އެއީ ރައީސްގެ ވިޝަން އެވެ. އޭގެ އެންމެ އަލިގަދަ ހެއްކި އެހެރަ ފެންނަނީ މާލޭގެ އިރުމަތީ ފަރާތުންނެވެ. ބްރިޖާ އެކު ތަރައްގީގެ ފުރަތަމަ ދޯދިތައް އެފަރާތުން މިހާރު ފެންނަން ފަށައިފި އެވެ.

މަތިން މި ފެންނަ ފޮޓޮއިން ދޭހަ ވަނީ ކޮން އެއްޗެއް ހެއްޔެވެ. ހަވީރު ގަޑިޔަށް ހެންވޭރު އާޓިފިޝަލް ބީޗާއި ދިމާލުން ޓަސްކަލޫސާ ކަންމައްޗައް ގިނަ ބަޔަކު އެއްވެފައި އެތިބީ ހަމަ ޔަގީނުން ވެސް އުންމީދީ މަންޒަރެއް ބަލައިލުމަށެވެ. އެ މީހުން އެ ބަލަނީ މޫދު ކުޅިވަރެއް ނޫނެވެ. ހަމަ ގައިމުވެސް އެއަށްވުރެއް ހިންހަމަ ޖެހޭ މަންޒަރެއް އެމީހުންގެ ލޯމައްޗައް މިއަދު ފެނިގެންދާތީ މަޑު ކޮށްލައިގެން ތިބެ އެ ބަލަނީ އެވެ. އެ މީހުންގެ ނަޒަރު ހުއްޓިފައި އެ ތިބީ، މާލެއާ ހުޅުލެ ދެމެދު އަޅައި ބްރިޖު މަޝްރޫއުގެ މަސައްކަތްތަކަށެވެ. މީގެ ކުރިން މިއީ ދިވެހިންނަށް ހަމައެކަނި ހުވަފެނެކެވެ. ހަމަ ގައިމުވެސް ދިވެހިން ވާނީ މިފަދަ މައްޝްރޫއެއް ކުރިޔަށް ދާތަން އެންމެ ކައިރިން ބަލާލެވޭ ނަސީބުވެރި ބަޔަކަށެވެ. މިއީ ދިވެހި ތާރީހުގައި ވެސް ހިންގާ އެންމެ ބިޔަ އަދި ޗެލެންޖިން ޕްރޮޖެކްޓްގެ ގޮތުގައި ތާރީހު ލިޔާނެ އެވެ.

"މިތާ މަޑުކޮށްލައިގެން މި ހުރީދެން މިކުރާ ކަމެއް ބަލާލަން ދޯ. މިއީ ކުރިން މިހާ ބޮޑެތި މަސައްކަތެއް ކުރާ ތަނެއް ނުދެކެން. ބްރިޖު އެޅޭނެ ކަންނޭންގެ ދެން. އެމީހުން މިހާ މަސައްކަތް ފަށާފަ ދެން ހުއްޓާނީ ބްރިޖެއްވެސް އަޅާފަ،" ބްރިޖު ހަދަމުންދާތަން ބަލައިލަން އައިސް ހުރި މެދު އުމުރުގެ މީހެއް ބުންޏެވެ.

"ވަރަށް ސަޅި މިމަސައްކަތް މި ކުރިޔަށްދާ ގޮތް. ރަނގަޅަކަށް ވާނުވާއެއް ނޭންގެ ހިނގާ ނުހިނގާ ކަމެއް. އެކަމަކު މަސައްކަތް ކުރާތަން ފެނުނީމަ އެސް އެއީ ބޮޑު އުންމީދެއް. ބްރިޖު އެޅޭނެ ހެން ދެން ހީވަނީ،" އެހެން ޒުވާނަކު ކިޔައިދިނެވެ.

ތެދެކެވެ. ބުނާ ބަހަކަށް ވުރެ، ލޮލަށް ފެންނަ މަންޒަރު ގަބޫލު ކުރަން ފަސޭހަވާނެ އެވެ. އެގޮތަށް ވިސްނާނަމަ ބްރިޖުގެ ވައުދު ފުއްދާތަން ދިވެހިންނަށް މި ފެންނަނީ ރިއަލްޓައިމްގަ އެވެ.

ފުރަތަމަ ފެންނާނީ ވަގުތީ ބްރިޖް!

ޗައިނާ މޯލްޑިވްސް ފްރެންޝިޕް ބްރިޖު އެޅުމަށް އެ ގައުމުގެ ސީސީސީސީ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ދާ އެ މަޝްރޫއު އެ ދަނީ ރޮކެޓެއް އަރައިގެން ދާހާ ބާރުމިނުގަ އެވެ. ކުރިން މިއީ ހަމައެކަނި ބިލާހެއް، ނަމަވެސް މިހާރު މި ފެންނަނީ އެތަށް ސަތޭކަ ސާމާނުތަކެއް އުސްފަސްގަނޑަށް އެއްކޮށް ޗައިނާ ކުންފުނީގެ ގިނަ މުވައްޒިފުންތަކެއް އެ ސަރަހައްދުގައި ދިގު މުއްދަތަކަށް ކޭމްޕް ވެސް ޖެހިތަނެވެ. މިހާރު މަސައްކަތް ކުރަމުން ދަނީ ބްރިޖުގެ ފައުނޭޝަނަށް ތަނބުތައް ޖެހުމުގެ ކުރިން "ވަގުތީ ބްރިޖަކުން" މާލެއާއި ހުލުލެ ގުޅުވާލުމަށް ކުރަމުން އަންނަ މަސައްކަތެވެ. އެއީ ބްރިޖް އެޅުމަށް ބޭނުންވާ ޕްލެޓްފޯމް މާލެ-ހުޅުމާލެއާ ދެމެދު ދަމާލުގެ މަސައްކަތެވެ.

"މިހާރު ކުރަމުން އަންނަނީ ކަނޑަށް ޕައިލް ޑްރައިވް ކުރުމުގެ މަސައްކަތްތައް. އޭގެން ދަގަނޑު ހަތަރު ހޮޅިގަނޑު ކަނޑަށް ޖަހާނެ. ދެން އޭގެ ފަސް ސެޓަށް އެކަން ކުރުމަށް ފަހު މަތީ ޕްލެޓް ފޯމެއް އަޅާނެ. އޭރުން މާލެއާއި ހުޅުލެ އިންނާނެ ހިނގާފަ ދެވޭގޮތަށް. ނަމަވެސް އެތާގައި ކުރާ މަސައްކަތަކީ ބްރިޖުގެ ފައުންޑޭޝަނަށް ބޭނުންވާ ތަނބުތައް ޖެހުމުގެ މަސައްކަތް،" ބްރިޖުގެ މަސައްކަތާއި ހަވާލުވެ ހުންނަވާ ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވި އެވެ.

މިހާރުވެސް ނުވަ ހޮޅި ކަނޑަށް ޖަހާފައި ހުރި އިރު މުއްތަލިބު ވިދާޅުވީ މި ހަފްތާތެރޭގައި ޕްލެޓް ފޯމްތައް ބެހެއްޓުމުގެ މަސައްކަތް ފަށާނެ އެވެ. އަދި ހުރިހާ ހޮޅިތައް ޖެހުމުން ޕްލެޓް ފޯމްތައް އެކީ ގުޅާލާނެ އެވެ. މާލޭގެ އިރުމަތީ ފަރާތުން އެހެރަ ފެންނަނީ ތަރައްގީގެ އެންމެ ފުރަތަމަ ދޯދިތަކެވެ. އެ އުންމީދީ މަންޒަރުތައް އެތައް ބަޔަކު ބަލަމުން އެ ދަނީ އުންމީދުތަކާއި އުފާވެރިކަމުގެ ފޮނި އިހުސާސްތަކާ އެކު އެވެ.