ކަނޑު އޮތް ގިރި

ކަނޑު އޮތް ގިރި: ޒުވާން މަސްވެރިންނަށް މިސާލެއް!

މަލަމަތި ރީތީ ނޫނަސް މި އެރުނީ ހަމަ ރީތީ ރަށަކަށެވެ. މިފްކޯގެ ކަަނޑު އޮތް ގިރިއަށެވެ. މިރަށް ރީތި ނޫނީ ރަށުގެ އަނގަމަތީގައި ހަދާފައިވާ މިފްކޯގެ މަސް ބަންދުކުރާ ކާރުހާނާގެ އެހަރަ ބިޔަ އިމާރާތާ ހެދި އެވެ. އެކަމަކު ފަޅުން ވަދެގެން އަންނަ އިރު ކިރުކުލައިގެ ދޮންވެލި ފުންޏެއް އެއްފަރާތުން ފެންނާތީ ހިތްހަމަޖައްސާލެވުނެވެ. ކާރުހާނާ ހުރި ގޮތަށް ހުރެދާނެ ނޫންހެއްޔެވެ؟ އަހަރެން އައީ ހިތް ފުރެންދެން މަޖާކުރާށެވެ. ވެލިގަނޑުގައި ވަޅުލެވިގެން އޮންނާށެވެ. އެނގޭހާ ކުޅިވަރެއް ކުޅެ، އަތްފައި މަށާލައިގެން މާލެދާށެވެ. އެވަރު ފުދެ އެވެ.

އެކަމަކު މިރަށަށް އާދެވުމުން މުޅީން އެހެނެއް ނުވި އެވެ. މިރަށުން އަހަރެމެނަށް މަރުހަބާކީ ހަސަން މުހައްމަދު މިރަށުގެ ވާހަކަ އާއި މަސައްކަތްތައް ކިޔައި ދޭން ފެށުމުން އަހަރެންގެ އެންޓަނާތައް ކްލިކް ވެއްޖެ އެވެ. އެއްކަލަ ކާރުހާނާ އަށް ވަންނަ ހިތްވެއްޖެ އެވެ. މަސައްކަތްތައް ބަލާލައި ކަނޑުއޮތްގިރީގެ މަސައްކަތްތަކާ ބެހޭ ގޮތުން ސުވާލުކުރާ ހިތްވެއްޖެ އެވެ.

މި ރަށުގައި މަސައްކަތު މިއުޅޭ 200 އެއްހާ މީހުން ޝައުގުވެރި ކަމާއެކު މިއޮއް ކުރާ ބުރަ މަސައްކަތް ހާދަ ގިނަ އެވެ. އެމީހުން ހާއްދަ ހީވާތްގެވެ. ކަނޑުއޮތްގިރިން މި ދިމާވި ހަސަނަކީ އޭގެ މިސާލެކެވެ. އޭނާ ދެކޭ ގޮތުގައި ދިވެހި ޒުވާނުން މަސްވެރިކަމުގެ ދާއިރާއަށް ވަންނަން ލަދުގަންނަން ޖެހޭ ސަބަބެއް ނެތެވެ. އޭނާ ވެސް އެ މަސައްކަތް ކުރަނީ ކުރާ ހިތުންނެވެ. ޅަ އިރު މަސްބާނަން ހުރި ޝައުގެއްގެ ބޮޑުކަމުން، ބޮޑުވެ، މަސައްކަތް ކުރެވޭ ވަރުވުމުން މިފްކޯއަށް ވަދެ މި ކަނޑު އޮތް ގިރިއަށް އައީ އެވެ. މި ރަށުގައި ހުރިހާތަނަކަށް ބޯ ކޮށްޕައިގެން އޭނާ އުޅެވެނީ ވެސް މަސައްކަތަށް އޮންނަ ޝައުގެއްގެ ބޮޑު ކަމުންނެވެ. މި ރަށުން ފެންނަނީ މަސްވެރި ކަމަށް ދެވި ހިފާފައިވާ ޒުވާން އާބާދީ އެކެވެ.

ނ. މިލަދޫއަށް އުފަންވި ނަމަވެސް ހަސަނަކީ މިހާރު ކަނޑުއޮތްގިރީގެ "މީހެ" ކެވެ. އާއިލާއާއި ދުރު ފަޅު ރަށެއްގައި މަސައްކަތް ކުރުން ބައެއް މީހުންނަށް ބުރަ ކަމަކަށް ވިޔަސް ހަސަނު ހުރީ ހިތްހަމަ ޖެހިގެންނެވެ. ކަނޑުއޮތްގިރި ކަހަލަ ރީތި ހަމަހިމޭން ރަށެއްގައި މަސައްކަތެއް ކޮށްލެވޭތީ އެވެ.

"މި ރަށުގައި މަސައްކަތް ކުރާތާ މިވީ ތިން އަހަރު. ދުވަހަކުވެސް ފޫއްސެއް ނުވޭ. އަޅުގަނޑަކީ އަބަދުވެސް މަސްވެރިކަމުގެ ދާއިރާއަށް ވަންނަން ބޭނުންވި މީހެއް. އެހެންވީމަ ވަރަށް ހެޕީ. މި ރަށަށް ބަލާނަމަ މިއީ ހަމަ ބެސްޓް. މިތަން ދޫކޮށްފަ ދާން އެއްގޮތަކަށް ވެސް ނުވިސްނަން. ހިތަށް އަރާ މި ރަށް ދޫކޮށްފަ އެހެން ތަނެއްގަ އަހަންނަށް އުޅެވިދާނެ ބާއޭވެސް، ލިބޭ ހުސް ވަގުތުގައި މޫދާއި މަސްތަކާ އެކު އުޅޭނެ ފުރުސަތު މިނޫންތަނަކުން ނުލިބޭނެ،" ހަސަނުގެ ޖަވާބު ސީދާވެފައި ކުރެވެ.

މިފްކޯގެ "ލައިފްސްޓައިލް" ބާވަތްތައް ވެސް އުފައްދާ ކަނޑު އޮތް ގިރީގައި ސީނިއާ އޮފިސަރެއްގެ މަގާމުގައި ހަ އަހަރަށްވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާ އެހެން މުވައްޒަފެއް ކަމަށްވާ ހުސައިން ޝިޔާމުގެ ވާހަކަވެސް ހުރީ މިފަދަ ގޮތަކަށެވެ. އޭނާ ދެކޭ ގޮތުގައި ކަނޑުއޮތްގިރި ވެފައިވަނީ ހަޔާތުގެ މުހިއްމު ބަޔަކަށެވެ. ބައެއް ފަހަރު އާއިލާއާ ވަކިން ހަފުތާއެއްހައި ދުވަސް ހޭދަކޮށްލާއިރު، އެރަށުގެ މަސައްކަތާއި މާހައުލާމެދު އޭނާގެ އެއްވެސް ޝަކުވާއެއް ނޯވެ އެވެ. އޮފީހުގައި ޝިޔާމްގެ މަސައްކަތަކީ މަހުގެ ހިސާބު ބެލެހެއްޓުމާއި، ޕްރޮޑަކްޓް ތަކަށް ލިބޭ އޯޑަރު ނެގުމާއި އެހެންވެސް އެފަދަ އިދާރީ ކަންކަން ކުރުމެވެ.

"ވަރަށް ހިތްހަމަޖެހިގެން ވަރަށް ގުޅިގެން އެންމެންވެސް އުޅެނީ. ގިނަ ދޯނިތަކުގައި އުޅެނީ ވަރަށް ޒުވާން ކުދިން. ވަރަށް ފޯރިއާއެކު މި ރަށުގައި ވަރަށް މަޖާ ކުރަން، މި ލައިފް ހަމަ އޯކޭ،"

އޮފީހުގެ މަސައްކަތަށް އަބަދުވެސް "އޮން ކޯލް"ގަ ހުންނަ ޔޫސުފް ހުސައިން އަކީ ކަނޑު އޮތް ގިރީގައި ހުރި މަސައްކަތުގެ ތަޖުރިބާއިން އެންމެ ފުންނާބު އުސް އެކަކަށްވާނެ އެވެ. އޭނާ އަކީ އެރަށުގެ އިންޖިނޭރެކެވެ. އެ ދާއިރާގައި އުޅޭތާ 30 އަހަރު ވެއްޖެ އެވެ. ކަނޑުއޮތްގިރީގައި އުޅޭތާ ހަތް އަހަރެވެ. މިފަ ބައިވަރު މުވައްޒަފުން މިރަށުގައި ޝައުގުވެރިކަމާއެކު މަސައްކަތުގައި އެބަ އުޅެ އެވެ.

ޔޫސުފްގެ އެންމެ ހާއްސަ ކަމަކީ ކޮބައިކަން އެނގޭހެއްޔެވެ؟ އޭނާ އަކީ އާދަވެ މަސްވެރިކަން ނުކުރެވުނަސް އެކަމާ ދުރުގައ އުޅެވޭ މީހެއް ނޫނެވެ. ތިރީސް އަހަރު ވަންދެން އިންޖީނާއި ކުޅުނީ ކައިރީގައި މަސް ބާނާ ދޮށިވެސް ބާއްވައިގެންނެވެ. މަސް ބޭނުމަކީ ޔޫސުފުގެ "ހޮބީ" އެވެ. އޭނާ ބުނާ ގޮތުން މަސްވެރިކަމަށް ލޯތްބެއް ނުދެވުނިއްޔާ އެއީ ފުރިހަމަ ދިވެއްސެއް ނޫނެވެ.

"މިހެން އުޅޭތާ 31 އަހަރު ވީ. އެއީ އިންޖިން މަސައްކަތް، މިކަން ފެށީ ފެލިވަރުން. އެފަހުންވެސް އުޅުނީ މަސް ބޯޓް ފަހަރުގައި. އެހެން 15 ވަރަކަށް އަހަރު ހުންނާނީ އުޅެވިފައި މިހާރު މިރަށުގަ. އަބަދުވެސް މިލައިފާ މެދު ވަރަށް އުފާވޭ. ޒުވާން ކުދިންނަށް ބުންނަން ބޭނުން ވަނީ މަސްވެރިކަމަކީ ރަނގަޅު މަސައްކަތެކޭ. ގިނަ ދުވަހު އެއްތަނެއްގަ ހުންނާށޭ. ކުރިއަށް ދާނެއޭ،" ޔޫސުފް ބުންޏެވެ.

މަސްވެރިކަމުގެ ދާއިރާއަކީ ކުރިއަށްދާން ރަނގަޅު ދާއިރާއެކެވެ. ޒުވާނުން މި މަސައްކަތްތަކަށް އިސްކަންދޭންޖެހެ އެވެ. މި މަސައްކަތަށް ޝައުގުވެރިވާން އެބަޖެހެ އެވެ. މަސްވެރިކަމުގައ ޒުވާނުންނަށް އޮތް ބޮޑު ޖާގަ މި ކުޑަކުޑަ ކަނޑު އޮތް ގިރިން އެބަ ފެނެ އެވެ. މިހަރަ ބިޔަ ކާރުހާނާ އެވަނީ ޒުވާން ހިދުމަތްތެރިންނަށް ބޭނުންވެފައެވެ. އަންނާށެވެ.