މެންބަރު ހުސައިން މުހައްމަދު ލަތީފް

ނައިބުރައީސްގެ މެސެޖު ރައްދުވަނީ ކުރީގެ ވެރިންނަށް

ނައިބުރައީސް ހުސައިން މުހައްމަދު ލަތީފު ސޯޝަލް މީޑިއާގައި އިއްޔެ ދޫކޮށްލެއްވި މެސެޖު ރައްދުވަނީ ކުރީގެ ވެރިންނަށް ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ.

ނައިބުރައީސް އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "ކޮންމެ ކަމަކީވެސް ވަގުތު ކަނޑައެޅިގެންވާ ކަމެއް" ކަމަށެވެ.

އެއީ ދުނިޔޭގެ އާދަ ކަމަށާއި އެ ލިބުނު ވަގުތަށް އިހުތިރާމުކޮށް ޝުކުރުވެރިވުމުން ލިބޭ ގަދަރާއި، އުފާވެރިކަން މާ ރަނގަޅު ކަމަށް ނައިބުރައީސްގެ މެސެޖުގައި ވިދާޅުވެފައިވެ އެވެ.

"އެއްވެސް ކަމަކީ ދާއިމަށް ތިމާގެ ހައްގެއް ކަމަށް ނުދެކޭށެވެ،" މެސެޖުގައި ނައިބުރައީސް ވިދާޅުވި އެވެ.

ނައިބުރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި އެ މެސެޖަކީ ކުރިން ވެރިކަން ކުރެއްވި ބޭފުޅުންނާއި ދައުލަތުގެ އިސް މަގާމުތައް ފުރުއްވި ބޭފުޅުންނަށް ރައްދުކޮށް ދިން މެސެޖެކެވެ.

"ދައުލަތުގެ ވެރިންނާއި އިސް މަގާމުތައް ފުރުއްވާ ބޭފުޅުންނަކީ ރައްޔިތުން ނިންމާފައިވާ ވަކި މުއްދަތަކަށް މަސްއޫލިއްޔަތު އަދާކުރައްވަން ޖެހިވަޑައިގަންނަވާ ބޭފުޅުން، އެ މުއްދަތު ހަމަވުމުން އެކަމަށް އިހުތިރާމު ނުކުރުމަކީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމު ކުޑަކޮށް، އެ ނިންމުމަށް ގޮންޖެހުން ކަމުގައި ގަބޫލުކުރަން،" ނައިބުރައީސް ވިދާޅުވި އެވެ.

އެފަދަ ބޭފުޅުން ކުރިއަށް އޮތް ތަނުގައިވެސް ޒިންމާދާރުކަމާއެކު ސަރުކާރު ޖަވާބުދާރީކޮށް ރައްޔިތުންގެ ލޯތްބާއި އިހުތިރާމު ލިބޭ ގޮތަށް މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ނައިބުރައީސް ވިދާޅުވި އެވެ.