އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ބްރައިޓަން ވާދަކުރި މެޗުން މެންޗެސްޓާ ޔުނައިޓެޑް ބަލިވެއްޖެ އެވެ.
ބްރައިޓަންގެ ދަނޑުގައި ކުޅުނު މި މެޗު ބްރައިޓަން ކާމިޔާބުކޮށްފައިވަނީ 1-2 ގެ ނަތީޖާ އަކުންނެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ބްރައިޓަން އިން ގޯލެއް ކާމިޔާބުކޮށް ކުރި ހޯދާފައިވަނިކޮށް މެންޗެސްޓާ ޔުނައިޓެޑުން އިތުރު ދެ ގޯލު ކާމިޔާބު ކުރި ނަމަވެސް އޮފްސައިޑް ވުމުގެ ސަބަބުން މެންޗެސްޓާ ޔުނައިޓެޑްގެ ދެ ގޯލުވެސް ބަލައިގަނެފައެއް ނުވެ އެވެ.
މި މެޗުގައި ބްރައިޓަންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މެޗުގެ 32 ވަނަ މިނެޓުގައި ބްރައިޓަން އިން ވަނީ އެ ޓީމުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް މެޗުގެ ލީޑު ނަގާފަ އެވެ. ކައުރޫ މިޓޮމާ މެންޗެސްޓާ ޔުނައިޓެޑްގެ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅަ ގޯލުތެރެއަށް ވައްދާލައިގެން މި ގޯލު ބްރައިޓަންއަށް ކާމިޔާބުކޮށްދީފައިވަނީ ޑެނީ އެލްބެކް އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އާއި ބްރައިޓަން ވާދަކުރި މެޗުގެ ތެރެއިން
ބްރައިޓަން އިން ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނަގާފައި ވަނިކޮށް މެންޗެސްޓާ ޔުނައިޓެޑުން ވަނީ ގޯލެއް ކާމިޔާބުކޮށްފަ އެވެ. އަމަދް ޑިއާލޯ ބްރައިޓަންގެ ގޯލުގެ ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅަ މާކަސް ރަޝްފޯޑު ގޯލު ތެރެއަށް ވައްދާލިއިރު ރަޝްފޯޑު އޮފްސައިޑް ވުމާ ގުޅިގެން އެ ގޯލު ބަލައިގަނެފައެއް ނުވެ އެވެ. މި އާއި އެކު މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ 1-0ގެ ނަތީޖާ އަކުން ބްރައިޓަން ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން މެންޗެސްޓަރ ޔުނައިޓެޑްގެ ކުޅުން ރަނގަޅުކޮށް އެ ޓީމުން ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުގެ 60 ވަނަ މިނެޓުގައި ބޯޅަ އާއި އެކު ބްރައިޓަންގެ ޕެނަލްޓީ އޭރިއާގެ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން މި ގޯލު މެންޗެސްޓާ ޔުނައިޓެޑަށް ކާމިޔާބުކޮށްދީފައިވަނީ އަމަދް ޑިއާލޯއެވެ.
ފޯރިގަމަ މި މެޗުގެ 70 ވަނަ މިނެޓުގައި މެންޗެސްޓާ ޔުނައިޓެޑުން އިތުރު ގޯލެއް ކާމިޔާބުކުރި ނަމަވެސް އޮފްސައިޑް ވުމުގެ ސަބަބުން އެ ގޯލުވެސް ބަލައިގަނެފައެއް ނުވެ އެވެ. އަމަދް ޑިއާލޯ، ބްރައިޓަންގެ ޕެނަލްޓީ އޭރިއާގެ ތެރެއަށް ހުރަސްކޮށްދިން ބޯޅަ އަލެހަންދުރޯ ގާނަޗޯ ގޯލަށް ފޮނުވާލިއިރު ބޯޅަ ގޯލުގެ ތެރެއަށް ވަދެފައިވަނީ މެންޗެސްޓާ ޔުނައިޓެޑްގެ ޖޯޝުއާ ޒިރްކްޒީ ގައިގައި ޖެހިފަ އެވެ. އޭރު ޖޯޝުއާ ހުރީ އޮފްސައިޑް މަގާމެއް ގައެވެ. އެހެންކަމުން މި ގޯލުވެސް ބަލައިގަނެފައެއް ނުވެ އެވެ.
މެންޗެސްޓާ ޔުނައިޓެޑުން ޖެހި ދެ ގޯލުވެސް އޮފްސައިޑް ވުމުގެ ސަބަބުން ބަލައިގަނެފައި ނުވާއިރު، ބްރައިޓަން އިން ވަނީ މެޗުގެ 90 މިނެޓް ހަމަވެގެން ކުޅުނު އިތުރު ވަގުތުގައި އެ ޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށް މެޗުން މޮޅުވެފަ އެވެ. ޑެނީ ވެލްބެކް މެންޗެސްޓާ ޔުނައިޓެޑްގެ ގޯލު ކުރިމައްޗަށް ހުރަސް ކޮށްދިން ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެން މި ގޯލު ބްރައިޓަންއަށް ކާމިޔާބުކޮށްދީފައިވަނީ ޖޮއާއޯ ޕެޑްރޯ އެވެ. މި އާއި އެކު މެޗު ނިމިގެން ދިޔައީ 1-2 ގެ ނަތީޖާ އަކުން ބްރައިޓަން ކުރި ހޯދައިގެންނެވެ.
ބްރައިޓަން އިން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދާފައިވާއިރު އިނގިރޭސި ޕްރިމިއާ ލީގުގައި އެ ޓީމުން ކުޅުނު ފުރަތަމަ މެޗުވެސް ވަނީ ކާމިޔާބުކޮށްފަ އެވެ. އެވަޓަން އާއި ދެކޮޅަށް ކުޅުނު މި މެޗު ބްރައިޓަން ކާމިޔާބުކޮށްފައިވަނީ 0-3ގެ ނަތީޖާ އަކުންނެވެ. ލީގުގައި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ވަނީ ފުލަމް އަތުން 0-1ގެ ނަތީޖާ އަކުން ބަލިވެފަ އެވެ.