އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ އާއި އިޕްސްވިޗް ޓައުން ވާދަކުރި މެޗު ފަސޭހަ ކަމާއިއެކު މެންޗެސްޓާ ސިޓީ އިން ކާމިޔާބުކޮށްފި އެވެ.
މެންޗެސްޓާ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗު މެންޗެސްޓ ސިޓީ އިން ކާމިޔާބުކޮށްފައިވަނީ 4-1 ގެ ނަތީޖާއަކުންނެވެ.
ވޭތުވެ ދިޔަ ހަތަރު އަހަރު އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކުރި މެންޗެސްޓާ ސިޓީ އިން ރޭގެ މެޗުގައި މޮޅު ކުޅުމެއް ދައްކާފައިވާއިރު މި މެޗުގައި އިޕްސްވިޗް އިން ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނަގާފައި ވަނިކޮށް ފަހަތުން އަރާ ހަތަރު ލަނޑު މެންޗެސްޓާ ސިޓީ އިން ވަނީ ކާމިޔާބުކޮށްފަ އެވެ.
މި މެޗުގައި މެންޗެސްޓާ ސިޓީގެ ފޯވާޑު އާލިން ހާލަންޑް ވަނީ ތިން ގޯލު ކާމިޔާބުކޮށް ހެޓްރިކެއްވެސް ހަދާފަ އެވެ.
މެންޗެސްޓާ ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު މި މެޗު ފެށިގެން މާގިނައިރު ތަކެއް ނުވަނީސް އިޕްސްވިޗުން ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނަގާފަ އެވެ.
ބެން ޖޯންސަން ތަނަވަސްކޮށްދިން ފުރުސަތަކުން މި ގޯލު އިޕްސްވިޗަށް ކާމިޔާބުކޮށްދީފައިވަނީ ސަމީ ޒްމޮޑިކްސް އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ އާއި އިޕްސްވިޗް ޓައުން ވާދަކުރި މެޗުގެ ތެރެއިން
އިޕްސްވިޗް އިން ގޯލެއް ކާމިޔާބުކޮށް ގިނައިރުތަކެއް ނުވަނީސް މެންޗެސްޓާ ސިޓީ އިން ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
މެޗުގެ 12 ވަނަ މިނެޓުގައި މެންޗެސްޓާ ސިޓީއަށް ލިބުނު ޕެނަލްޓީ އަކުން މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އާލިން ހާލަންޑް އެވެ. މެންޗެސްޓާ ސިޓީއަށް ލިބުނު ޕެނަލްޓީ އިން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނިކޮށް މެޗުގެ 14 ވަނަ މިނެޓުގައި އެ ޓީމުން ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނަގާފަ އެވެ. އިޕްސްވިޗްގެ ކީޕަރު އަރްޖެނިޓް މުރިކްއަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ސަވީނިއޯ ތަނަވަސްކޮށްދިން ފުރުސަތަކުން މި ގޯލު މެންޗެސްޓާ ސިޓީއަށް ކާމިޔާބުކޮށްދީފައިވަނީ ކެވިން ޑިބުރޫނާ އެވެ.
ވަރުގަދަ މެންޗެސްޓާ ސިޓީ އިން މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް މެޗުގެ ފަރަގު ބޮޑުކޮށްފަ އެވެ. ކެވިން ޑިބުރޫނާ ތަނަވަސްކޮށްދިން ފުރުސަތަކުން މި ގޯލު މެންޗެސްޓާ ސިޓީއަށް ކާމިޔާބުކޮށްދީފައިވަނީ އާލިން ހާލަންޑް އެވެ. މި އާއިއެކު މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ 1-3ގެ ނަތީޖާ އަކުން މެންޗެސްޓާ ސިޓީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ހާލަންޑް ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް ހެޓްރިކެއް ހަދާފަ އެވެ. އިޕްސްވިޗްގެ ޕެނަލްޓީ އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ބޯޅަ ގޯލުތެރެއަށް ވައްދާލައިގެން މި ގޯލު މެންޗެސްޓާ ސިޓީއަށް ހާލަންޑް ކާމިޔާބުކޮށްދީފައިވަނީ މެޗުގެ 88 ވަނަ މިނެޓް ގައެވެ. މި އާއި އެކު މެޗުގެ ކުޅުން ނިމިގެން ދިޔައީ 4-1ގެ ނަތީޖާ އަކުން މެންޗެސްޓާ ސިޓީ ކުރި ހޯދައިގެންނެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަން އާއި ޓޮޓެންހަމް ވާދަކުރި މެޗު 0-4ގެ ނަތީޖާ އަކުން ޓޮޓެންހަމް ކާމިޔާބުކޮށްފައިވާއިރު، ފުލަމް އާއި ލެއިސްޓާ ސިޓީ ވާދަކުރި މެޗު 1-2ގެ ނަތީޖާ އަކުން ފުލަމް ވަނީ ކާމިޔާބުކޮށްފަ އެވެ.