ބީއެމްއެލްގެ ރުފިޔާ އެކައުންޓްތަކުން އެމެރިކާ ޑޮލަރުގެ މުއާމަލާތް ކުރުން ހުއްޓުވާލުމާއި ކްރެޑިޓް ކާޑުތަކުގެ ލިމިޓް 100 ޑޮލަރަށް ކުޑަ ކުރަން ނިންމުމަކީ މި ހާލަތަށް ނިންމަންޖެހުނު އުދަނގޫ ނިންމުމެއް ކަމުގައި ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވެއްޖެ އެވެ.
ބީއެމްއެލްގެ މުވައްޒަފުންނަށް ކާލް ފޮނުއްވި އިންޓާނަލް މެސެޖެއްގައި ވިދާޅުވީ ރުފިޔާ އެކައުންޓްގައި ހުންނަ ފައިސާ ބޭނުންކޮށްގެން ޑޮލަރުގެ މުއާމަލާތް ކުރާ ކަސްޓަމަރުން ބޭނުންކުރަނީ އެމީހުންގެ އަމިއްލަ ޑޮލަރު ނޫން ކަމަށެވެ. އެގޮތަށް އެ ވިޔަފާރި ކުރުމުން އެފަދަ ޓްރާންސެކްޝަންތަކަށް ފައިސާ ދައްކަންޖެހެނީ ބީއެމްއެލް އިން ޑޮލަރު ހޯދައިގެން ކަމަށްވާތީ ރުފިޔާ އެކައުންޓްތަކުން ޑޮލަރުގެ މުއާމަލާތް ދެން ކުރެވޭނީ ޑޮލަރު ދީގެން ކަމަށްވެސް ވިދާޅުވި އެވެ.
ކާލް ވިދާޅުވީ ބީއެމްއެލްއަށް ޑޮލަރު ނުލިބޭނަމަ މި ހާލަތުގައި ބޭންކުންވެސް ކަސްޓަމަރުންނަށް ދޭނެ ޑޮލަރު ނުހުންނާނެ ކަމަށެވެ. އެހެންކަމުން ބީއެމްއެލް އިން މިވަގުތަށް ނިންމާފައިވަނީ އުދަނގޫ ނިންމުމެއް ކަމުގައި ވިދާޅުވި އެވެ.
"މި އަހަރަށް އެކަނި ބެލިނަމަވެސް ސްޓަމަރުންގެ އަތުން ލިބުނީ 60 މިލިއަނެއްހާ ޑޮލަރު. މީގެތިންގުނަ ބޭންކުން ހޭދަކުރަން ޖެހޭ،" ކާލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޭންކަށް ނުގޮސް ކޮންމެ ކަސްޓަމަރަކަށްވެސް އިންޓަނެޓް ނުވަތަ މޯބައިލް ބޭންކިން ބޭނުންކޮށްގެން ޑޮލަރު އެކައުންޓެއް ހުޅުވައިގެން އެ އެކައުންޓަށް ޑޮލަރު ޖަމާކުރާ ވަރަކުން ކްރެޑިޓް ކާޑުންނާއި ޑެބިޓް ކާޑުން ޑޮލަރުގެ ވިޔަފާރި ކުރެވޭނެ ކަމަށެވެ.
"މަހުން މަހަށް ކެނޑޭ ބޭރުގެ މުއާމަލާތްތައް މެދުނުކެނޑި ލިބުމަށްޓަކައި ކަސްޓަމަރުންގެ ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓް ޑޮލަރު އެކައުންޓަށް ބަދަލުކުރުމަށް އެދެން،" ކާލްސް ވިދާޅުވި އެވެ.
ބީއެމްއެލް އިން ކާޑު ލިމިޓަށް ގެނައި ބަދަލުތައް
- ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓަކީ ރުފިޔާ އެކައުންޓެއްނަމަ ރާއްޖޭން ބޭރުގެ މުއާމަލާތްކުރަން އެއްވެސް ޑޮލަރެއް ނުލިބޭ
- ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ޕްރައިމަރީ އެކައުންޓަކީ ރުފިޔާ އެކައުންޓެއްނަމަ ރާއްޖޭން ބޭރުގެ މުއާމަލާތްކުރަން އެއްވެސް ޑޮލަރެއް ނުލިބޭ
- ސްޓޭންޑަޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތަކުން މަހެއްގެ މައްޗަށް ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތައް 100 ޑޮލަރަށް ދަށްކުރުން
ބީއެމްއެލް އިން އިތުރަށް ބުނީ މިހާތަނަށް ދޫކޮށްފައިވާ ކްރެޑިޓް ކާޑެއް މުއްދަތު ހަމަވެގެން ނުވަތަ ހަލާކުވެގެން ނުވަތަ ގެއްލިގެން އާކުރާނަމަ ރާއްޖޭން ބޭރުގެ މުއާމަލާތް ކުރުމަށް މަހުން މަހަށް ލިބޭ ލިމިޓް މިއަދު އިއުލާންކުރި ބަދަލުތަކާ އެއްގޮތަށް އަމަލުކުރާނެ ކަމަށެވެ.