ބޭންކް އޮފް މޯލްޑިވްސް

ރުފިޔާ އެކައުންޓުން ޑޮލަރު މުއާމަލާތް ނުކުރެވޭ ނިންމުން ބަދަލުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިހާރު ދޫކޮށްފައިވާ ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓަކީ ދިވެހި ރުފިޔާ އެކައުންޓެއްނަމަ ބޭރު ފައިސާގެ މުއާމަލާތް ކުރުމަށް އެއްވެސް އަދަދެއް ނުލިބޭ ގޮތަށް ބޭންކުން ނިންމި ނިންމުމަށް ބަދަލު ގެނެސް ކުރިން އަމަލުކުރަމުން ދިޔަ ގޮތަށް އަމަލުކުރަން ނިންމައިފި އެވެ.

ބީއެމްއެލް އިން ބުނީ މިއަދު އިއުލާންކުރި ރާއްޖޭގެ ބޭރުގެ މުއާމަލާތްކުރެވޭ ލިމިޓްތަކަށް ގެނެވުނު ބަދަލުތައް ބޭންކުގެ ރެގިއުލޭޓާ -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިރުޝާދަށް ބަލައި މިހާރު އަނބުރާ ގެނެވިފައިވާ ކަމަށެވެ. މި ނިންމުމާ ގުޅޭ އިތުރު މައުލޫމާތު ބޭންކުގެ ސޯޝަލްމީޑިއާ އެކައުންޓުގައި ހާމަކޮށްފައެއް ނުވެ އެެވެ.

ބީއެމްއެލް އިން މިއަދު ހެނދުނު ނިންމުމުގައި ބުނެފައިވަނީ މިއަދުން ފެށިގެން އަލަށް ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތައް ކާޑުގެ ޕްރައިމަރީ އެކައުންޓަކީ ދިވެހި ރުފިޔާ އެކައުންޓެއް ނަމަ ބޭރު ފައިސާގެ މުއާމަލާތް ކުރުމަށް އެއްވެސް އަދަދެއް ނުލިބޭނެ ކަމަށެވެ.

މީގެ އިތުރުން މިހާރު ދޫކޮށްފައިވާ ސްޓޭންޑަޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތަކުން މަހެއްގެ މައްޗަށް ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތައް 100 ޑޮލަރަށް ދަށްކޮށްފައިވާ ކަމަށްވެސް ހެނދުނުގެ ނިންމުމުގައިވެ އެވެ.

ބީއެމްއެލް އިން ހެނދުނު އިއުލާންކުރި ނިންމުން ބަދަލުކޮށްފައި މިވަނީ އެ ނިންމުމާ އެކު އެތައް ބައެއް ފާޑުކިޔުމާއި ރުޅިވެރިކަން ބޭންކާއި ސަރުކާރަށް އަމާޒުވުމާ ގުޅިގެން މިއަދު ބޭއްވި ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމަކަށްފަހު އެވެ.