ދުނިޔެ

އޮބާމާގެ ސައޫދީ ދަތުރުފުޅުގެ ހުރިހާ ސަމާލުކަމެއް މިޝޭލް އޮބާމާ އަށް!

އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ކުރުކޮށްލެއްވުމަށް ފަހު އެމެރިކާގެ ރައީސް ބަރަކް އޮބާމާ އާއި އަނބިކަނބަލުން މިޝޭލް ސައޫދީ އަރަބިއްޔާ އަށް ވަޑައިގެންނެވިއިރު މި ދަތުރުފުޅުގެ ހުރިހާ ސަމާލުކަމެއް ލިބިވަޑައިގެންނެވި ފަރާތަކީ މިޝޭލް އެވެ.

ސައޫދީގެ ކުރީގެ ރަސްގެފާނު އަބްދުﷲ އަވަހާރަވުމާ ގުޅިގެން މިހާރުގެ ރަސްގެފާނު، ސަލްމާނަށް ތައުޒިއާ ދެންނެވުމަށް އޮބާމާގެ ދެކަނބަލުން ކުރެއްވި މި ދަތުރުފުޅުގެ ފޮޓޯތައް އާންމުވެފައިވާއިރު އެންމެ ބޮޑަށް މަޝްހޫރުވެ ސޯޝަލް މީޑިއާގައި އެނބުރެމުންދާ ފޮޓޯ އަކީ ސަލްމާން ރަސްގެފާނާ މިޝޭލް ސަލާމްކުރައްވަވާ މަންޒަރު ފެންނަ ފޮޓޯއެކެވެ. އަދި މިޝޭލް ބުރުގާއެއް ނުވަތަ ބޮލުގައި ފޮތިކޮޅެއް ނާޅުއްވައި ހުންނެވި ހުންނެވުން ވެސް އާންމުންނާއި މީޑިއާތަކުން ފާހަގަކޮށްފައިވެ އެވެ.

ނަމަވެސް މީޑިއާ އާއި އާންމުންގެ ސަމާލުކަމަށް މިޝޭލް އޮބާމާގެ މި "ސްޓައިލް" އައިސްފައިވީ ނަމަވެސް ސައޫދީ އަށް ޒިޔާރަތްކުރައްވާ ދުނިޔޭގެ އެހެން އަންހެން ލީޑަރުން ވެސް އެ ގައުމަށް ވަޑައިގަންނަވަނީ ބުރުގާއިން އައުރަ ނިވައި ކުރައްވައިގެންނެއް ނޫނެވެ. އެގޮތުން އެމެރިކާގެ ކުރީގެ ޚާރިޖީ ވަޒީރު ހިލަރީ ކްލިންޓަނާއި މެޑެލިން އޯލްބްރައިޓްގެ އިތުރުން ޖަރުމަންގެ ޗާންސެލާ އެންޖެލާ މާކެލް ވެސް ސައޫދީ އަށް ވަޑައިގެން ހަމަ މިގޮތަށް އެގައުމުގެ ވެރިންނާ ބައްދަލުކުރައްވާފައިވެ އެވެ.

ރަސްގެފާނު އާއި އެހެން އިސް އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވެ ވަޑައިގެންނެވި ފިރިހެން ބޭފުޅުންނާ ސަލާމް ވެސް ކުރައްވާފައިވެ އެވެ. އެހެންވީމަ މިޝޭލް އޮބާމާ ސައޫދީ އަށް ވަޑައިގެން ރަސްގެފާނާ އަތް ޖޯޑުކޮށް ސަލާމްކުރެއްވުމުން އެކަން މީހުން ބޮޑުކޮށްލީ ކީއްވެހެއްޔެވެ؟

ފަހަރެއްގައި އިންޑޮނީޝިއާ އަށް އޮބާމާއާ އެކު މިޝޭލް ކުރެއްވި ދަތުރުފުޅެއްގައި އެކަމަނާ ބުރުގާ ނުވަތަ ސްކާފް އަޅުއްވައިގެން ހުންނެވި ފޮޓޯތަކެއް ކުރިން އާންމުވެފައިވީމަ އެވެ.