ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އިންސާނީ ވަސީލަތް ތަރައްގީކޮށް ވެރިންގެ ފަންތިއަށް މީހުން ބިނާކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމުގައި ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ލީޑަޝިޕް ޕުރޮގްރާމުގެ ދެވަނަ ބެޗް "މޯލްޑިވްސް އެގްޒެކެޓިވް ލީޑަޝިޕް ޕްރޮގްރާމް"ގެ ތަމްރީން ސެޝަންތައް ރަސްމީގޮތުން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ނައިބް ރައީސް ވަނީ ރާއްޖޭގެ ތަރައްގީގެ އެޖެންޑާއަށް ފާއިތުވި އަހަރުތަކުގެ ތެރޭގައި ފޯރުކޮށްދިން އަގުނުކުރެވޭހާ އެހީތެރިކަމާ އެއްބާރުލުމަށްޓަކައި ޔޫއޭއީގެ ރައީސް މުހައްމަދު ބިން ޒާއިދު އަލް ނަޙްޔާންއަށާއި ޔޫއޭއީގެ ބޮޑުވަޒީރު، ނައިބް ރައީސް އަދި ދުބާއީގެ ވެރިޔާ ޝައިޚް މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމަށާއި ޔޫއޭއީގެ ނައިބު ރައީސް އަދި ބޮޑުވަޒީރުގެ ނައިބް މަންސޫރު ބިން ޒާއިދު އަލް ނަޙްޔާންއަށް ޝުކުރު އަދާކުރައްވާފަ އެވެ.
ނައިބް ރައީސްގެ ވާހަކަފުޅުގައި ކަމާގުޅޭ އިލްމާއި ހުނަރު ލިބި، ދުނިޔެއަށް އަންނަ ބޮޑެތި ބަދަލުތަކަށް ލޯހުޅުވި، މުސްތަގުބަލަށް ތައްޔާރުވެފައިވާ ލީޑަރުންނާއި ސިޔާސަތުތައް އެކުލަވާލާ ފަރާތްތައް ބިނާކުރުން މުހިއްމުކަން ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން އެ ފަރާތްތަކުގެ ލީޑަޝިޕް ހުނަރުތައް ތަރައްގީކޮށް، އެއީ ކަންކަން ލީޑްކޮށް އީޖާދީ ބަދަލުތައް ގެނެސް، ސަރުކާރުން ކާމިޔާބީތައް ހޯދައިދިނުމުގައި މަސައްކަތްކުރާނެ ޗޭންޖް އެޖެންޓުންގެ ގޮތުގައި ބިނާ ކޮށްދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. މިގޮތަށް މަސައްކަތް ކުރުމުގައި ގާތް ރަހުމަތްތެރި އަވަށްޓެރި ގައުމުތަކާ ގުޅިގެން ރާއްޖޭގެ މުއައްސަސާތަކުގެ ގާބިލްކަން އިތުރުކޮށް ހަރުދަނާ ކުރުމަށާއި އިދާރާތަކުގެ އުފެއްދުންތެރިކަން ރަނގަޅުކުރުމަށް ކަމާގުޅޭ ފަރާތްތަކާވެސް ގުޅިގެން ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވި އެވެ.
މޯލްޑިވްސް އެގްޒެކެޓިވް ލީޑަޝިޕް ޕްރޮގްރާމު ފެށުމުގެ ގޮތުން މިއަދު ވަނީ ސްޓްރެޓެޖިކް ލީޑަޝިޕް އަދި ޕޮލިސީ ރަނގަޅު ނިންމުންތައް ނިންމުމަށް އަމާޒު ހިފައިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މަސައްކަތު ބައްދަލުވުމެއް ފަށާފަ އެވެ. މި ސެޝަންތަކުގައި މި ޕްރޮގްރާމުގައި ހިމެނޭ ޖުމްލަ ފަސް މޮޑިއުލްގެ ތެރެއިން ދެ މޮޑިއުލެއް ކުރިއަށް ގެންދާނެ އެވެ.
މި ޕުރޮގްރާމުގެ ދަށުން ޔޫއޭއީގައި ވެސް ބައެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ. އެގޮތުން ޕްރޮގްރާމުގެ ބައިވެރިން ޔޫއޭއީގެ ކަނޑައެޅޭ ސަރުކާރުގެ ބައެއް އިދާރާތަކަށް ޒިޔާރަތްކޮށް އެ ގައުމުގެ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ކުރިއަށްގެންދާ ރިފޯމް އެންޑް މޮޑަނައިޒޭޝަން ޕުރޮގްރާމުތައް ދެނެގަނެ، ތަޖުރިބާ ހާސިލުކުރުމަށް ހަމަޖެހިފައިވެ އެވެ.