މޯލްޑިވްސް ކަސްޓަމްސް ސާވިސް

ވައިގެ މަގުން ރާއްޖެ އެތެރެކުރި 11 ކިލޯގެ ޑްރަގު އަތުލައިގެންފި

ރާއްޖެ އެތެރެކުރަން އުޅުނު ޖުމްލަ 11.62 ކިލޯގްރާމްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފި އެވެ.

ކަސްޓަމްސް އިން ބުނީ މިތަކެތި އަތުލައިގަނެފައިވަނީ ކޫރިއަ މެދުވެރިކޮށް މިމަހުގެ 14 ވަނަ ދުވަހު ރާއްޖެއަށް ގެނެސްފައިވާ ޕާރުސަލަކާއި ވައިގެ މަގުން ރާއްޖެ ގެނެސްފައިވާ ޝިޕްމަންޓެއް ބަލައި ފާސްކުރުމުގެ ތެރޭގައި ޝައްކުކުރެވޭ ޒާތުގެ ބާވަތްތަކެއް ހުރުމުން އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

މިޕެކޭޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާއިރު ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން މި ތަކެތި ތަހުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ސިންތެޓިކް ކެތިނޯން އަށް ވަނީ ޕޮޒިޓިވް ވެފަ އެވެ. މިތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 680 ގްރާމް ހުރިއިރު މިތަކެތީގެ މަގުމަތީ އަގަކީ 960،000 ރުފިޔާ އެވެ.

މީގެ އިތުރުން މިމަމަހުގެ 19 ވަނަ ދުވަހު ވައިގެ މަގުން ރާއްޖެ ގެނެސްފައިވާ ޝިޕްމަންޓެއް ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ކަމަށް ޝައްކުކުރެވިގެން އިތުރަށް ބެލިބެލުމުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި އެ ޝިޕްމަންޓުންވެސް ފެނުނު ކަމަށް ކަސްޓަމްސް އިން ބުންޏެވެ. މިތަކެތި ފުރަތަމަ މަރުހަލާގައި ތަޙުލީލުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އަދި ކެނެބިސް އަށް ވަނީ ޕޮޒިޓިވް ވެފަ އެވެ. ހެރޮއިން އަށް ޕޮޒިޓިވްވި ތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު 740 ގްރާމް އަދި ކެނެބިސް އަށް ޕޮޒިޓިވްވި ތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު 10,200 ގްރާމް ހުއްޓެވެ. މިތަކެތީގެ މަގުމަތީ އަގަކީ 8.9 މިލިއަން ރުފިޔާ އެވެ.

"މިމައްސަލަތަކުން އަތުލައިގަނެފައިވާ މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 11.62 ކިލޯގްރާމް ހުއްޓެވެ. އަދި މި މައްސަލަތައް އިތުރަށް ތަހުގީގު ކުރުމަށްޓަކައި، އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ދިވެހި ފުލުހުންގެ ހިދުމަތާއި ހަވާލުކުރެވިފަ އެވެ." ކަސްޓަމްސްގެ ބަޔާނުގައިވެ އެވެ.