އެމްއެންޑީއެފް

ޔޫއެންއޯޑީސީ އިން ސިފައިންނަށް ބައެއް ތަކެތި ހަދިޔާކޮށްފި

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)ގެ ގްލޯބަލް މެރިޓައިމް ކްރައިމް ޕްރޮގްރާމުން އެމްއެންޑީއެފް ކޯސްޓްގާޑަށް މެރިޓައިމް ސެކިއުރިޓީ އިކުއިޕްމަންޓް ހަދިޔާކޮށްފި އެވެ.

މި އިކުއިޕްމަންޓްތަކަށް ފަންޑު ކޮށްދީފައިވަނީ ޔޫރަޕިއަން ޔޫނިއަން ސާވިސް ފޯ ފޮރިން ޕޮލިސީ އިންސްޓްރޫމަންޓްސްގެ ފަރާތުންނެވެ.

ވިލިމާލޭގައި ހުންނަ އެމްއެންޑީއެފްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރްސީސީ)ގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި، ޔޫއެންއޯޑީސީގެ ފަރާތުން އިކުއިޕްމަންޓް ހަވާލުކޮށްދެއްވީ ޔޫއެންއޯޑީސީގެ ހެޑް އޮފް އޮފީސް އޮފް މޯލްޑިވްސް، އެންރީކޯ ބޮނަސެންޏާ އެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުގެ ފަރާތުން އިކުއިޕްމަންޓާ ހަވާލުވީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑާންޓް، ބްރިގޭޑިއަ ޖެނެރަލް މުހައްމަދު ސަލީމް އެވެ.

ޔޫއެންއޯޑީސީ އިން ހަދިޔާކުރި އިކުއިޕްމަންޓާއެކު، ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ކަނޑުގެ ސަރަހައްދުގައި ހިނގާ މެރިޓައިމް ޓެރަރިޒަމްއާ ދެކޮޅަށް ކުރެވޭ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.