އެމްޑަބްލިއުއެސްސީ

އެމްޑަބްލިޔުއެސްސީ އިން ކޮންޑިއުޓް ހޮޅި ލޯންޗުކޮށްފި

މޯލްޑިވްސް ވޯޓާ އެންޑް ސީވޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ކޮންޑިއުޓް ހޮޅި އުފައްދާ ބާޒާރަށް ނެރެފި އެވެ.

އެމްޑަބްލިޔުއެސްސީ އިން ބުނީ ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ހޮޅި އުފައްދަނީ ގުޅީފަޅުގައި ހުންނަ އެ ކުންފުނީގެ ހޮޅި އުފައްދާ ފެކްޓްރީގައި ކަމަށެވެ.

އެ ކުންފުނިން ބުނީ މިއީ ކުންފުނީގެ ތާރީހުގައި ފާހަގަކޮށްލެވޭ އާ ހަރުފަތަކަށް ވާސިލް ވެވުނު ދުވަހެއް ކަމަށެވެ.

ކޮންޑިއުޓް ހޮޅި ލޯންޗުކުރީ ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރާއި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން މުހައްމަދެވެ.

މިއީ ރާއްޖޭގައި މީގެ ހޮޅި އުފެއްދި ފުރަތަމަ ފަހަރެވެ. މިއީ ކަރަންޓު ނަރުތައް އެކި ގެއްލުން ތަކުން ރައްކާތެރިކޮށްދޭ ހޮޅިއެކެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިއީ ދިވެހިންނަށް ލިބޭ ފަހުރެއް ކަމަށާއި ރާއްޖޭގެ އުމްރާނީ ތަރައްގީއަށް ކޮންޑިއުޓް ހޮޅިއަކީ ވަރަށް ބޭނުންތެރި އެއްޗެއް ކަމަށެވެ. އަދި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ މި ހޮޅި ރާއްޖެއިން ގަންނަން ލިބުމުން ބޭރުން ގަންނަން ހޭދަވާ ވަރަށް ވުރެ ހަރަދު ކުޑަވާނެ ކަމަށެވެ.

ކޮންޑިއުޓް ހޮޅީގެ އޮރެންޖު އަދި ހުދުކުލަ 16 އެމްއެމް، 20 އެމްއެމް، 25 އެމްއެމް، 32 އެމްއެމް އަދި 40 އެމްއެމްގެ ހޮޅި މިހާރު އެ ކުންފުނީގެ ޝޯރޫމުން ލިބެން ހުންނާނެ އެވެ.