ދިވެހި ދައުލަތުން އެކި ފަރާތްތަކަށް ދޭންޖެހި ނުދީ ހުރި ފައިސާ މިއަހަރުގެ ނޮވެމްބަރުގެ ނިޔަލަށް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު)ގެ ސަންގު ޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ދައުލަތުން އެކި ފަރާތްތަކަށް ނުދީ އެތައް ބިލިއަން ރުފިޔާއެއްގެ ފައިސާ ހުރި ކަމަށެވެ. އެހެންވެ ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ނޮވެމްބަރުގެ ނިޔަލަށް އެ ހުރިހާ ފައިސާއެއް ދީ ނިންމުން ކަމަށްވެސް ވިދާޅުވި އެވެ.
"[މިމުއްދަތުގައި] ބޮޑު ބައެއް ނިންމޭނެ. މަސްވެރިންނަށް ބޮޑު ބައެއް އެ އޮތީ ދީ ނިންމާފައި. މިދިޔަ މަހެއްހާ ދުވަހުގެ ފައިސާ އަދިވެސް [މަސްވެރިންނަށް] ނުދެވި އެބަހުރި. ނަމަވެސް ބިލިއަނެއްހާ ރުފިޔާ ދެވިއްޖެ މަސްވެރިންނަށްވެސް،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖެ ތަރައްގީއަށް ފަރުދާހުގެ ފުރަގަހުގައި މިހާރުވެސް ވަރަށް ގިނަ މަސައްކަތްތައް ހިނގަމުންދާ ކަމަށެވެ. ސަރުކާރެއްގެ ކުރީކޮޅު ބޮޑެތި މަޝްރޫއުތައް ފެށުމަށް އާންމުކޮށްވެސް އަހަރެއްހާ ދުވަސް ނަގާނެ ކަމަށް ފާހަގަކުރައްވާ ރައީސް ވިދާޅުވީ ބޮޑެތި މަޝްރޫއުތަކުގެ "އިނިޝަލް" މަރުހަލާގެ މަސައްކަތްތައް ނިމުމަކަށް ހަމައަށް ގޮސްފައިވާ ކަމަށެވެ.
ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާ ކަން ޔަގީންކޮށްދެއްވަމުން ރައީސް ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެެއާޕޯޓުގެ އާ ޓަމިނަލްގެ މިއަހަރަށް ނިންމަން ކަނޑައެޅި ބައި މިއަހަރު ނިމޭނެ ކަމަށެވެ. އަދި އިންޑިއާ އާއި ޗައިނާ އިން ގެދޮރުވެރިކަމާ ގުޅޭ ތަފާތު މަޝްރޫއުތަކަށް ތަފާތު ފުރުސަތުތައް ފަހިވަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިސަރުކާރުގެ ހާރިޖީ ސިޔާސަތު ރަނގަޅުވުމުން އެމަނިކުފާނު މިހާތަނަށް ރަސްމީ ދަތުރުފުޅުތަކެއް ކުރިއަށް ގެންދިޔަ ގައުމުތައް ކަމަށްވާ ތުރުކީ، ޗައިނާ އަދި އިންޑިއާ އިން އެކި ކަހަލަ ކަންކަން ފަހިވެ ކާމިޔާބުވަމުންދާ ކަމަށެވެ. އެހެންކަމުން ރާއްޖޭގެ އިގްތިސާދު މި ފެންނަނީ ރަނގަޅަށް ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ އިގްތިސާދު ރަނގަޅު ކުރުމަށް ސަރުކާރުން މިހާރު އަޅަމުންދާ ފިޔަވަޅުތަކުގެ ނަތީޖާ މާގިނަ ދުވަސްތަކެއް ފެންނަމުންދާނެ ކަމަށެވެ.