އޮލިމްޕަސް

މި މަހުގެ 26ގައި "ރޯބޯމޭން: ދަ މޫވީ" އޮލިމްޕަހަށް

"ރޯބޯމޭން: ދަ މޫވީ" މި މަހުގެ 26 ވަނަ ދުވަހު އޮލިމްޕަހުގައި ޕްރިމިއާ ކުރަން ނިންމައިފި އެވެ.

މި ފިލްމު ޕްރޮޑިއުސް ކޮށްފައިވަނީ އޯކޭޒްއިންކްގެ ފަރާތުން މުހައްމަދު މުންތަސީރު (މުންކޮ) އެވެ. އަދި ފިލްމު ޑައިރެކްޓް ކޮށްފައިވަނީ އިބްރާހިމް ވިސާމް (ކަނޑި) އެވެ.

މުންކޮ ބުނީ މި ފިލްމަކީ ކުޑަކުދިންނަށް ކަމުދާނޭހެން، ކާސްޓުގައި ގިނަ ކުޑަކުދިން ހިމަނައިގެން އުފައްދާފައިވާ ފިލްމެއް ކަމަށެވެ.

އޭނާ ބުނީ މިއީ ދިވެހި ސިނަމާގައި މިހާތަނަށް އެންމެ ގިނަ ބަޔަކު ބައިވެރިކޮށްގެން ގެނެސްދޭ ފިލްމަށް ވާނެ ކަމަށެވެ. އެގޮތުން 100 ކުޑަކުދިން އޮޑިޝަންގައި ބައިވެރި ކުރި ކަމަށާއި އޭގެތެރެއިން 60 ކުއްޖަކު ފިލްމުން ފެނިގެންދާނެ ކަމަށެވެ.

ފިލްމުގެ ލީޑު ދެ ރޯލުން ފެނިގެން ދާ ދެ ކުދިންނަކީ އަމީލިއާ ނަސްރުﷲ ޝަކީބާއި، މިޝާ އިސްމާއިލް ނިޔާޒެވެ.

"މިއީ ވަރަށް ހެއްވާ އަދި މަޖާ ފިލްމެއް،" މުންކޮ ބުންޏެވެ.

މި ފިލްމަކީ އާއިލާގެ އެންމެންއެކީގައި ބަލާލަން ރަނގަޅު ފިލްމެކެވެ. އަދި މި ފިލްމު އަޅުވަން ހަމަޖެހިފައިވަނީ މެންދުރުފަހު ނުވަތަ ހަވީރުގެ ވަގުތުތަކުގައެވެ.

މި ފިލްމުގައި ރޯބޯމޭންގެ އިތުރުން މަރިޔަމް އައްޒަ (އައްޒަ)އާއި، ރަވީ ފާރޫގުވެސް ފެނިގެންދާނެ އެވެ.

ރޯބޯމޭން އަކީ މީގެ އަހަރުތަކެެއް ކުރިން އާންމުންގެ ތެރޭގައި މަޝްހޫރުކަން ހޯދަން ފަށާފައިވާ ފަންނުވެރިއެކެވެ. އެކި ކަހަލަ ހަފްލާތަކުން އޭނާ ފެނިފައިވީ ނަމަވެސް، މާސްކް އަޅާފައި ހުންނާތީ އޭނާގެ އަސްލު މޫނެއް އާންމުންނަށް ފެނިފައެއް ނުވެ އެވެ.