ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމަށްފަހު އެ މީހާއާ މެދު އިހުމާލުވެއްޖެނަމަ ވަޒީފާދޭ ފަރާތް 50،000 ރުފިޔާއިން ޖޫރިމަނާކުރެވޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ބިލް ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުން މިބިލް ފާސްކުރީ މިދިޔަ އޯގަސްޓް 19 ވަނަ ދުވަހު އެވެ. ވަޒީފާއާ ބެހޭ ގާނޫނަށް މި އިސްލާހުތައް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު އެވެ.
ވަޒީފާއާ ބެހޭ ގާނޫނަށް މި އިސްލާހުތައް ހުށަހެޅިއިރު ހަމަ މިފަދަ އަދަބެއް ދެވޭ ގޮތަށް އިމިގްރޭޝަން ގާނޫނުގައިވެސް ޖޫރިމަނާގެ އަދަބެއް ދިނުމަށް މިހާރުވެސް ހިމަނާފައިވެ އެވެ. އެގޮތުން އިމިގްރޭޝަން ގާނޫނުގެ 33 ވަނަ މާއްދާގެ (ށ) ގައި ބިދޭސީން ރާއްޖެ ގެނައުމަށްފަހު އިހުމާލުވާ ދިވެހިން 50،000 ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކޮށް އެ މީހެއްގެ ޕާސްޕޯޓް ވަކި މުއްދަތަކަށް ހިފެހެއްޓުމުގެ އިހުތިޔާރު ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނަށް ވަނީ ދީފަ އެވެ.
ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުތަކުގައި ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނައުމަށްފަހު އިހުމާލުވާ ވަޒީފާދޭ ފަރާތްތަކުގެ މައުލޫމާތު އާންމުކޮށް ކޮންމެ މުވައްޒަފަކަށް 50،000 ރުފިޔާއިން ޖޫރިމަނާކުރަން ވަނީ ހިމަނާފަ އެވެ.
ތަކުރާރުކޮށް އިހުމާލުވާނަމަ އެ ޖޫރިމަނާ އިތުރުކޮށް ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ގޮތުން ވަޒީފާދޭ ފަރާތައް ދޭ ހިދުމަތްތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ވަކި މުއްދަތަކަށް ހުއްޓާލުމަށް އިސްލާހުގައިވެ އެވެ.
ބިދޭސީ މަސައްކަތްތެރިންނާ މެދު އިހުމާލުވި ކަމަށް ބެލެވޭނެ ހާލަތްތަކެއްވެސް މި އިސްލާހުތަކުގައި ވަނީ ހިމަނާފަ އެވެ. މީގެތެރޭގައި މުސާރަ ނުދިނުމާއި، ވަޒީފާދޭ ފަރާތުން ފޯރުކޮށްދޭންޖެހޭ އަސާސީ ކަންކަން ކަމުގައި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ކަންކަން ފުރިހަމަ ނުކުރުން ހިމެނެ އެވެ.
ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމުގައި ނުވަތަ ރާއްޖެ ގެނައުމަށްފަހު އެމީހުންނާ މެދު އެކްސްޕްލޮއިޓޭޝަންގެ އަމަލެއް ހިންގުން ނުވަތަ އެމީހުން ލައްވާ ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދާ ހިލާފު އަމަލެއް ކުރުމާއި ބިދޭސީ މަސައްކަތްތެރިޔާ ގެންނަ ވަޒީފާ ނޫން އެހެން ވަޒީފާއެއް އަދާކުރުވުމަކީ އިހުމާލުވުން ކަމަށް ބެލެވޭނެ ކަމަށްވެސް އިސްލާހުތަކުގައިވެ އެވެ.
އިސްލާހުތަކުގައިވާ ގޮތުން މި ގާނޫނަށް ގެނެވޭ އިސްލާހުތަކާ ގުޅިގެން އެކުލަވާލާފައިވާ ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި އެކުލަވާލައި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރަންޖެހެ އެވެ.