ހަބަރު

ހިޔާލު ތަފާތުވުންތަށް ހައްލުކުރަން ބޭރު މީހުންނަށް ދައުވަތު ދީގެން ނުވާނެ: އުމަރު

ގައުމުގައި އުފެދޭ ހިޔާލު ތަފާތުވުންތަކަށް ހައްލު ހޯދާނީ ގައުމުގެ ތެރެއިން ކަމަށާއި އެހެން މީހުންނަށް ދައުވަތުދީގެން ނުވާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ހުރަވީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު ޏ. ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އުމަރު ވިދާޅުވީ ދިވެހިން އަބަދުވެސް ދިވެހި ގައުމަށް ހެޔޮގޮތް އެދެން ޖެހޭ ކަމަށާއި ދިވެހިންގެ ތެރޭގައި އޮންނަ ހިޔާލު ތަފާތުވުންތައް އެއީ އެހެން މީހުންނަށް ދައުވަތުދޭން ޖެހޭ ކަމެއް ނޫން ކަން ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަށެވެ.

އުމަރުގެ ވާހަކަފުޅުގައި ގައުމުގައި އޮތް ހިޔާލު ތަފާތުވުންތަކަށް އެހެން މީހުންނަށް ދައުވަތުދޭނަމަ ގައުމުގައި އޮތް ހަމަޖެހުން ނެތިގެންދާނެ ކަމަށް ވިދާޅުވި އެވެ. މީގެ ކުރިންވެސް ދިވެހިންގެ އަތުން މިނިވަންކަން ގެއްލުވާލައި އަޅުވެތިކަމުގެ ދަށަށް ގެންދަން މީހުން ރާއްޖެ އައީ ރާއްޖެއަށް ގައްދާރުވި ދިވެހިންގެ އެއްބާރުލުމާއެކު ކަމަށް ވެސް ވިދާޅުވި އެވެ.

"މަލާބާރީންވެސް ރާއްޖެ އަރަން ޖެހުނީ ރާއްޖެއަށް ގައްދާރުވި ދިވެހިންގެ ސަބަބުން. އެހެން ވީމަ މިއަދު އެފަދަ ކަންކަމުން ދިވެހިން އިބުރަތް ހާސިލުކުރަން ޖެހޭ. ކޮންމެ މީހަކީ ވެސް ގައުމަށް ތެދުވެރި ބަޔަކަށްވާން ޖެހޭ" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ ހުރަވީ ދުވަސް އެ ބޭފުޅަކަށް ނިސްބަތްވާ ދޮންބަންޑާރައިންގެ ސިފަތަކުން މިއަދުގެ ޒުވާން ޖީލު ސިފަ ލިބިގަންނަން ޖެހޭ ކަމަށެވެ. ހުރަވީ ދުވަސް ފާހަގަކުރަނީ ދޮންބަންޑާރައިން މަލާބާރީންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރި ދުވަހުގެ ޒިކުރާ އާކުރުމުގެ ގޮތުންނެވެ.