ކެބިނެޓް

ރެޒިޑެންސީ ޕްރޮގްރާމުން ހަތް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ގެެނެވޭނެ: ސަރުކާރު

ރާއްޖޭގައި އިންވެސްޓް ކުރާ ބޮޑެތި އިންވެސްޓަރުންނަށް ރެޒިޑެންސީ ޕްރޮގްރާމް މި ސަރުކާރުން ކުރިއަށް ގެންދާނީ ތަފާތު ކޮންސެޕްޓަކަށް ކަމަށާއި، މީގެ ސަބަބުން ފަސް އަހަރުގެ ތެރޭގައި ހަތް ބިލިއަން ޑޮލަރާއި ހިސާބަށް އިންވެސްޓްމެންޓް ގެެނެވޭނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ބޮޑެތި އިންވެސްޓަރުންނަށް ރާއްޖެއިން ބޯހިޔާވަހިކަން ދިނުމަށް ހަމަޖެހިފައިވާ ޕްރޮގްރާމް -- އިންވެސްޓާ ރެޒިޑެންސީ ޕްރޮގްރާމް ފަށަން ވަޒީރުންގެ މަޖިލީހުން އިއްޔެ ވަނީ ނިންމަވާފަ އެވެ.

ރައީސް އޮފީހުގައި އިއްޔެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ކޯޕަރޭޓް ރެސިޑެންސް ވިސާ ތައާރަފް ކުރީ 2014-2015ގައި ކަމަށެވެ. އެހެންނަމަވެސް މިފަހަރު މި ތައާރަފު ކުރާ ރެސިޑެންސް ޕްރޮގްރާމް އެއަށް ވުރެ ތަފާތު ވެފައި ކާމިޔާބު ވާނެ ކަމަށެވެ. އަދި މިހާރު މި އަންނަނީ ރިއަލްސްޓޭޓް ޓޫރިޒަމްގައިވެސް އެހެން ފިޔަވައްސެއް ކަަމަށް ވިދާޅުވި އެވެ.

"އެހެންނަމަވެސް ކޮންވެންޝަނަލް ޓޫރިޒަމެއް ނޫން، މިއީއޭ ދުބާއީ އާއި ތަންތަންވެސް ކުރިއަރާފައިވާ ގޮތަކީ މިއީ،" ސައީދު ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް އަދި ދެމެހެއްޓެނިވި ތަރައްގީއަކަށް މިސްރާބު އަނބުރާލައި ހަމައެކަނި ޓޫރިޒަމަށް ބާރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ސަރުކާރުން ގެންދަނީ އާ މަސައްކަތްތަކެއް ފެށުމަށް ތައްޔާރުވަމުންނެވެ. އެގޮތުން އިގްތިސާދު ސިންދިފާތު ކުރުމަށްޓަކައި ރެޒިޑެންސީ ޕްރޮގްރާމްގެ އިތުރުން ބަންކަރިންގެ ހިދުމަތް މިމަހުގެ ތެރޭގައި ފެށުމަށްވެސް ސަރުކާރުން މިހާރު ދަނީ ތައްޔާރުވަމުންނެވެ.

ދިވެހިރާއްޖޭގެ އިގްތިސާދު ޑައިވަސިފައިކޮށް އިގްތިސާދު ދުޅަހެޔޮކޮށް އާމްދަނީ ލިބޭނެ ގޮތްތައް އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.