ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އާ "ފޮރިން އިންވެސްޓް ބިލް" ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާ ބެހޭ ގާނޫނުގެ ނަމުގައި ރާއްޖޭގައި މިހާތަނަށް އަމަލުކުރަމުން އައީ 1979 އަހަރު އަމަލުކުރަން ފެށި ގާނޫނަކަށެވެ. ނަމަވެސް މިއަދު ތަސްދީގު ކުރެއްވި ގާނޫނަކީ ޒަމާނަށް ފެތޭ އަދި އިންވެސްޓަރުންނަށް ފަހި ފުރުސަތުތަކެއް ލިބޭ ގޮތަށް އެކުލަވާލާފައި އޮތް ގާނޫނެކެވެ.
މި ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގައި ކުރެވޭ ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކޮށް އެ އިންވެސްޓްމަންޓްތައް މެދުވެރިކޮށް ރާއްޖެއަށް ފޮރިން ކެޕިޓަލާއި ޓެކްނޮލޮޖީ އާއި އިލްމާއި ހުނަރު ގެނައުމަށް ފަހި މާހައުލެއް އުފައްދައި ރާއްޖޭގެ އިގުތިސާދު ތަރައްގީކުރަން އުސޫލުތައް ކަނޑައެޅުން ހިމެނެ އެވެ. އެގޮތުން ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓްކުރެވޭނެ ދާއިރާތަކާއި އެ ދާއިރާތަކުގައި އިންވެސްޓްކުރެވޭނެ ޝަރުތުތައް ކަނޑައެޅުމާއި އިންވެސްޓްކުރުމުގެ ހުއްދަ ދިނުމުގެ އުސޫލުތަކާއި ޝަރުތުތައް ކަނޑައެޅުން ހިމެނެ އެވެ.
ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް އިންވެސްޓްނުކުރެވޭނެ ދާއިރާތަކެއް ފޮރިން އިންވެސްޓްމަންޓާ ގުޅޭ ސިޔާސަތު ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކުރެވިފައިވާ ސަރުކާރުގެ މިނިސްޓްރީގެ މިނިސްޓަރު ކަނޑައަޅައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރަންވާނެ ކަމަށް މި ގާނޫނުގައި ބުނެފައިވެ އެވެ. އެ ދާއިރާތައް ކަނޑައެޅުމުގައި ރިއާޔަތްކުރަންޖެހޭ ކަންކަން ބިލްގައި ހިމަނާފައިވާއިރު އެ ދާއިރާތައް ކަނޑައަޅަންވާނީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު ކަމަށްވެސް ގާނޫނުގައިވެ އެވެ.
މީގެތެރޭގައި ވަކި ސިނާއަތެއް ނުވަތަ ދާއިރާއެއްގައި ބޭރުގެ ފަރާތްތަކުން އިންވެސްޓްކުރުމަށް ހުޅުވާލުމުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތު އޮތް މިންވަރާއި ސިނާއަތުގެ ވާދަވެރިކަމަށް ކުރާނެ އަސަރާއި އެ ސިނާއަތެއްގައި ދިވެހި ވިޔަފާރިތައް ތަރައްގީވެފައިވާ މިންވަރު ހިމެނެ އެވެ.
ގާނޫނުގައިވާ ގޮތުން އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް އެއްގޮތަކަށްވެސް އިންވެސްޓްނުކުރެވޭނެ ދާއިރާތަކާއި ވަކި ޝަރުތުތަކެއް ފުރިހަމަވެގެން ނޫނީ އިންވެސްޓްނުކުރެވޭނެ ދާއިރާތަކަށް މި ގާނޫނުގައި މިނިސްޓަރު ކަނޑައަޅާ ދާއިރާތައް ނޫން ދާއިރާތަކަށް ބޭރުގެ އިންވެސްޓަރުންނަށް އިންވެސްޓްކުރެވޭނެ އެވެ.