ދިވެހިންގެ ތަބީއަތަކީ މިނިވަންކަމުގައި ދެމިތިބުން ކަމަށްވާތީ ސަރުކާރުގެ މުޅި ސިޔާސަތު ބިނާކޮށްފައިވަތީ އެސާސްގެ މައްޗަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ގައުމީ ދުވަހުގެ މުނާސަބުގައި މިއަދު ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ދިވެހިންނަކީ އަބަދުވެސް މިނިވަން ބައެއް ކަމަށާއި އެހެންވެ ދިވެހިން މިނިވަންކަމުގައި ދެމިތިބުމަށް އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ. ރައީސް މިހެން ވިދާޅުވީ ޕޯޗުގީޒުން ރާއްޖެ އަޅުވެތިކޮށްގެން ގެންގުޅުކަން ހަނދާން އާކުރައްވަމުންނެވެ.
"ދިވެހީންނަކީ އަބަދުވެސް މިނިވަންކަމުގެ ބަތަލުން. ދިވެހީންގެ ތަބީއަތަކީ މިނިވަންކަމާއެކު ދެމިތިބުން. އަޅުގަނޑުގެ މުޅި ސިޔާސަތު ބިނާކުރަނީ މި އަސާސުގެ މައްޗަށް،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖެ ބަލަހައްޓަން އެންމެ ޒަމާނީ ޓޭކްނޮލޮޖީއާއެކު ދިވެހިންގެ އުޅަނދުތައް އުދުހެމުން ދަނީވެސް ދިވެހިންގެ ތަބީއަތަކީ މިނިވަންކަމުގައި ދެމިތިބުން ކަމުގައި ދެނެގަނެގެން ކަމަށެވެ.
"މިއަދު ރާއްޖޭގައި ބޭރުގެ ސިފައިން ގާއިމުވެފައި ނެތީ އެހެން ވެގެން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖެއަށް އަބަދުވެސް ބޭރުގެ ލޯތައް ފާރަލާކަމާއި، ބޭރުގެ ފަރާތްތަކުގެ ގޯނާ ރައްދުވާކަން ދިވެހި ތާރީހުން އެނގިގެންދާ ކަމަށެވެ. އަދި ދިވެހިންނަކީ ބޭރުގެ ހަމަލާތައް އަބަދުވެސް ރޫޅާލާ، އެ ހަމަލާތަކުން ސަލާމަތްވެގަންނަ ބައެއް ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދާރުލްއާސާރުގައި ހުރި ބޮޑެތި ބަޑިތަކުންނާއި މާލެ ވަށާ ބޮޑު ރަސްގެފާނެ ރޭނުއްވި ފާރުންވެސް ދައްކުވައިދެނީ ދިވެހިންގެ ކާބަފައިންނަކީ އަބަދުވެސް ހުރިހާ މާނައެއްގައިވެސް ރާއްޖޭގެ މިިނިވަންކަން ދިފާއުކުރި ބައެއް ކަން ކަމަށެވެ.
އެ މަނިކުފާނު އިތުރަށް ވިދާޅުވީ ދިވެހި މަސްކަނޑުތައް ދިވެހީން ޒަމާނުއްސުރެ ސަލާމަތްކުރާ ތަބީއީ ސިއްރަކީ އަދި ބަނޑުފުރާނަ މުއްތިކުރާ މައިރޯއްޖަކީ އެ ކަނޑުތަކުން ލިބޭ ރިޒުގު ކަމުގައިވުން ކަމަށެވެ. އެގޮތުން އެ ކަނޑުތަކުގެ މައްޗަށް އޮންނަ ބާރު ގެއްލިއްޖެނަމަ އެއީ ހައިހޫނުކަމުގެ ފެށުން ކަމަށްވެސް ރައީސް ފާހަގަކުރެއްވި އެވެ. އެހެންކަމުން، ގައުމަށް ވަފާތެރި ދަރީން ބިނާކުރަން ޖެހޭ ކަމަށާއި ދެން އަންނަ ޖީލުތަކަކީ ދިވެހި ބިމަށް ވަޒަންވެރި ޖީލުތަކަކަށް ހެދުމަކީ މުހިންމު ކަމެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.