ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވަނީ ފަތިހު ހޭލާ، ދީނީ ކަންކަމަށް ހާއްސަ އިސްކަމެއްދޭ ގައުމެއް ދެކެން ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެ އެވެ.
ގައުމީ ދުވަހުގެ ރަސްމީ ޖަލްގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ ދިވެހި ގައުމިއްޔަތުގެ މަދަކީ މާތްވެގެންވާ އިސްލާމްދީންކަމާއި ދީނީ ކަންކަން ހަރުދަނާކޮށް، މަގުތައް ފަހިކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ފާހަގަކުރައްވާފަ އެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނު ބޭނުންވަނީ ފަތިހު ހޭލާ ދިވެހި ގައުމެއް ކަމަށާއި، ހެނދުނާއި ދެނަމާދު ދޭތެރޭ ކީރިތި ގުރުއާން ކިޔެވުމުގައި ކުޑަ ކުދިން ޝައުގުވެރިކަމާއެކު އުޅޭ ދިވެހި ގައުމެއް ދެކެން ކަމަށެވެ.
"ފަރުޟު ނަމާދުގެ ޖަމާއަަތްތައް ބައިބޯކޮށް ފެންނަން ބޭނުން. އެކަމުގެ މާތްކަމާއި އެކަމުގައި ހުރި ދަރުމައިގެ ގިނަކަން އަޅުގަނޑުމެން ކުރެ ކޮންމެ ދިވެއްސަކަށް އިހްސާސްވާން ބޭނުން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މިސްކިތްތަކަށް އިހުގައި ކުރި އިހްތިރާމް އަލުން ގެންނަން ބޭނުން ކަމަށެވެ. އެގޮތުން މިސްކިތްތަކުގެ ސާފުތާހިރުކަމާއި މިސްކިތްތަކަށް ރީތިވެގެން ދާ ދިޔުމާއި މިސްކިތްތައް މަތިވެރި ކުރުމަށް ކުރާ މަސައްކަތްތަކަކީ ދިވެހިންގެ ރީތި އާދަކާދަ ދައްކުވައިދޭ ކަންތައްތަކެއް ކަމަށްވެސް ވިދާޅުވި އެވެ.
"މިކަންކަން ގެއްލިގެން ނުވާނެ. މިކަންކަން އާލާކުރުމުގައި އަޅުގަނޑުމެންގެ އަމިއްލަ ނަފްސާ ހިސާބުން ފަށަމާތޯ؟" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އިހު ޒަމާނުގައި ކާބަފައިން ފަތިހު މުލުހާލާ ކޮވެލީގެ އަޑަށް ތެދުވެ ފަތިސް ނަމާދުކުރުމަށްފަހު ދިރިއުޅުމުގެ ހަރަކާތްތަކުގައި ދުވަސް ހޭދަކުރާކަން ފާހަގަކުރައްވާފަ އެވެ. އަދި ދުވަސް ނިންމަނީ ވިތުރި ނަމާދުން ކަމަށާއި އެ ދެމެދުގައި ކުރަނީ މިންނެތް ޖިހާދު ކަމަށްވެސް ވިދާޅުވި އެވެ.
"ދިވެހިންގެ އައިޑެންޓިޓީ އިޔާދަކުރުމުގައި މި ރޫހު އަޅުގަނޑު ބޭނުން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ ހެޔޮ އަމަލުކުރުމުގައި ތިމާއާއި ތިމާގެ އާއިލާގެ އިތުރުން ރަށްޓެހިންވެސް ބައިވެރިކުރުމަށް އެދިވަޑައިގެންފަ އެވެ. އަދި ތެދުމަގު ދައްކާ، ހެޔޮ އަމަލުތަކުގެ ވިޔަފާރީގައި އެންމެންވެސް ބައިވެރިކުރުމަށް އިލްތިމާސް ކުރެއްވި އެވެ.