ދީނާ ހިލާފު ކަންމުން އަންނަ ފިކުރީ ކާރިސާތަކުގެ ސަބަބުން ގައުމުތައް އެފުށް މިފުށަށް ޖަހަމުންދާތީ ދިވެހި ރައްޔިތުން އެކަމަށް ސަމާލުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފި އެވެ.
ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މިފަހުން ގައުމަށް އެންމެ ބޮޑެތި ފުރޮޅުންތަކެއް އައީ "ގްލޯބަލައިޒޭޝަން" ނުވަތަ ބަވަނަކުރުމުގެ ތޫފާނުގެ ތެރެއިން ކަމަށެވެ.
ރައީސް ވިދާޅުވީ އޭގެ ފަހަތުގައި ހުންނަނީ ބާރުގަދަ ގައުމުތަަކުން އިތުރަށް ބާރުވެރިވުމަށް އަޅާފައި ހުންނަ ފިޔަވަޅުތައް ކަމަށާއި އެކަންކަން ރާއްޖޭގެ ރައްޔިތުންނަށްވެސް ތަންފީޒުވަމުންދާއިރު އޭގެއިން ލޮލަށް ނުފެންނަ ނުރައްކާ އާއި އޮއިވަރުތައް ހުންނަ ކަމަށެވެ. އެގޮތުން އެ އޮއިވަރުތަކުގައި ޒުވާން ޖީލުތައް ބެހިގެންދާއިރު އެކަން ފާހަގަކުރެވެނީ މަދު ބަޔަކަށް ކަމަށްވެސް ވިދާޅުވި އެވެ.
"މިފަދަ އޮއިވަރުތަކުގައި ގައުމުގެ ދީނަށް ހަަމަލާ ދެވޭ. ގައުމުގެ އެއްބައިވަންތަަކަން ފުނޑުފުނޑުކޮަށްލެވޭ. އެކަމަށްޓަކައި އެތަނެއްގެ ގަދަރުވެރިންނާއި ދީނުގެ އިލްމުވެރިންގެ އަގު ވައްޓާލެވޭ،" ރައީސް ވިދާޅުވި އެވެ.
ދީން ދިފާއުކުރުމުގައި ގައުމުގައި އެންމެ ބޮޑު ބާރެއް އޮންނަނީ ގައުމުގެ ވެރިންގެ އަތުގައިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ވެރިންގެ އަގު ވައްޓާލެވޭ ކަަމަށާއި މުއައްސަސާތައް ގުރުބާން ކޮށްލެވޭ ކަމަށެވެ.
ރައީސް ވިދާޅުވި ސޯޝަލް މީޑިއާއާއި އެހެން މީޑިއާތަކުގައި އުފައްދާ ތަފާތު އުފެއްދުންތަކުން ގައުމުގެ ޖަމާއީ ސިކުނޑި ވިހަ ކޮށްލާ ކަމަށެވެ. އެގޮތުން އެކި އުމުރުފުރާގެ މީހުންނަށް ދާންދެން ގައުމަށް ގެއްލުންހުރި އެތައް ވިސްނުންތަކަކާއި އަމަލުތަކެއްގެ ކަނޑަ ގަރަގުކޮށްލެވޭ ކަމަށް ރައީސް ވިދާޅުވި އެވެ.
"ކަސިޔާރު ފިކުރީ ރާޅުތަކުން އަޅުގަނޑުމެންގެ ޖީލުތަކުގެ ހިތްތަކާއި ވިސްނުންތައް ސަލާމަތްކުރަން ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ،" ރައީސް ވިދާޅުވި އެވެ.
ފިކުރީ ހަނގުރާމައާއި ކުރިމަތިލުމަށް ބެލެނިވެރިންނާއި މުދައްރިސުންނާއި ރައްޔިތުން އިސްނެންގެވުމަށްވެސް ރައީސް އިލްތިމާސްކުރެއްވި އެވެ.