ގައުމީ ދުވަސް

އިސްވަރު ވާނީ ގާނޫނުން ބާރުލިބިގެން އުފައްދާ ކޮލެޖަކަށް: ރައީސް

މުސްތަގުބަލްގައި އިސްވަރު ވާނީ ދިވެހިގާނޫނުން ބާރު ލިބިދޭ ދިވެހި ގައުމިއްޔަތުގެ ކޮލެޖަކަށް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ގައުމީ ދުވަހުގެ ހާއްސަ ޖަލްސާގައި ރައީސް ވިދާޅުވީ މުސްތަގުބަލުގައި ދިވެހި ގައުމިއްޔަތުގެ އިސްވަރު ވާނީ ރާއްޖޭގައި ގާނޫނަކުން ބާރުލިބިގެން އުފައްދާ ދިވެހި ތަރިކައިގެ ކޮލެޖަކަށް ކަމަށެވެ.

ރައީސް ވިދާޅުވީ މިއީ ރާއްޖޭގައި އަދި އުފައްދާފައި ނުވާ ޒާތުގެ ކޮލެޖެއް ކަމަށާއި މިއީ މެމްބަޝިޕް ކޮލެއްޖެއް ކަމަށެވެ. މިއީ މެމްބަރުންގެ ވިއުގަ ތަކެއްގެ މައްޗަށް އެކުލެވިގެންވާ ކޮލެޖެއް ކަމުގައިވެސް ވިދާޅުވި އެވެ.

"މިކޮލެޖުގެ ބޭނުމަކީ ދިވެހިންގެ ތާރީހާއި، ސަގާފަތާއި، ތަރިކަ އާއި އަމިއްލަވަންތަކަމާއި، އަސްލުތައް އިލްމީލެންސް ތަކުން މީގެ ފަހުން އަބަދުވެސް ބަލަމުން ބަލަހައްޓަމުން ދިއުން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ދިވެހި ގައުމިއްޔަތުގެ ހާއްސަ ނިޒާމެއް ތައާރަފުކޮށް، އެ ދާއިރާއިން ތައުލީމާއި ހޭލުންތެރިކަން އާންމުކުރުމުގެ ބޭނުމަކީވެސް ގައުމިއްޔަތު އަލުން ދިރުވުން ކަމަށެވެ. އެ މަގުން ކުރާ މަސައްކަތްތަކުގެ ތެރެއިން ކަންކަން ހައްލުކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

"ދިވެހި ގައުމިއްޔަތުން ދަސްވާނީ ދިވެހިވަންތަކަން ކުރިއަރުވަން. މި ލޮބުވެތި ދިވެހިރާއްޖެ ނުވަތަ ދިވެހި ފަސްގަނޑާ ދިވެހިން ހަވާލުވާން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މިއަދު އިފްތިތާހު ކުރި ދިވެހި ގައުމިއްޔަތުގެ އިސްވަރަކީވެސް ދިވެހި ގައުމިއްޔަތު އިޔާދަކުރުމުގެ ހާއްސަ މަސައްކަތްތައް ފެށުމުގެ ގޮތުން ކުރެވުނު ކަމެއް ކަމަށެވެ. އިސްވަރުގެ ތެރެއިން ދިވެހި ގައުމިއްޔަތަކީ ދިވެހިންގެ ދިރިއުޅުމުގެ ބައެއްކަމުގައި ހަދާނެ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ދިވެހި ތަރިކަ ދިރާސާ މަރުކަޒުގެ ވިލަރެސްވެރިން ވަނީ 180 އަށް ވުރެ ގިނަ ގައުމުތަކުގައި އަމިއްލަވަންތަކަން ދަމަހައްޓާ ގޮތުގެ ދިރާސާއެއްވެސް ހަދާފައި ކަމަށެވެ. އަދި ދިވެހި ގައުމިއްޔަތުގެ އަސާސްތައް އިލްމީ ފަންނީ ގޮތެއްގައި 800 އަށް ވުރެ ގިނަ ބޭފުޅުންނަށް ބުނެދީފައިިވާ ކަމަށްވެސް ވިދާޅުވި އެވެ.

ދިވެހި ގައުމިއްޔަތު އިއާދަކުރުމުގެ ގައުމީ މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި ރައީސް މުއިއްޒު އިސްނަންގަވައިގެން އުފެއްދެވި "ދިވެހި ގައުމިއްޔަތުގެ އިސްވަރު" ކައުންސިލަށް މިއަދު ވަނީ ފަސް ބޭފުޅުން އައްޔަންކުރައްވާ އެކަމުގެ ލިޔުން ހަވާލުކުރައްވާފަ އެވެ.