ރާއްޖޭގައި ހުރި ބައެއް އެމްބަސީތަކުގެ ކުރިމަތީގައި ތަކުރާރުކޮށް އިޒުރޭލާ ދެކޮޅަށް އަޑުއުފުލުމާ ގުޅިގެން ހައްޔަރުކުރި ދެ އަންހެނުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
މި ދެ މީހުން ދޫކޮށްލުމަށް ކޯޓުން މިއަދު އަމުރުކުރީ އެ މީހުންގެ ބަންދަށް ކުރިން ދީފައިވާ ފަސް ދުވަސް ހަމަވާތީ އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކަކާ އެކު އެވެ.
އަވަސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެ މީހުންނަށް ޝަރުތު ކުރީ އެމްބަސީތަކުގެ ކުރިމަތީ އަޑުގަދަކޮށް މުޒާހަރާ ނުކުރުމަށެވެ.
މި ދެ މީހުން ހައްޔަރުކޮށް މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުން މި މީހުންގެ ބަންދަށް އެންމެ ފުރަތަމަ ކޯޓުން ދިނީ ތިން ދުވަހެވެ.
އިޒުރޭލުން ފަލަސްތީންގެ ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް އަޑުއުފުލުމާ ގުޅިގެން ހައްޔަރުކުރީ ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒުގެ އަނބިކަނބަލުން ޢާއިޝަތު ޝާދިޔާ އާއި ޑރ. ޝަޒްރާ އިބްރާހީމެވެ.
ޝާދިޔާ އާއި ޝަޒްރާ ހައްޔަރުކުރުމުން އެމްޑީޕީއާއި އަދާލަތު ޕާޓީން އެކަން ކުށްވެރިކުރި އެވެ.