އަބްދުﷲ ރާފިއު

ކުޅިވަރުގެ ދާއިރާއިން 264 މަޝްރޫއު ކުރިއަށްދޭ: ރާފިއު

ކުޅިވަރުގެ ދާއިރާ އިން ރާއްޖޭގައި ހުރިހާ ރަށެއްގައި ޖުމްލަ 264 މަޝްރޫއު ކުރިއަށްދާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކުރިއަށްދާ މަޝްރޫއުތަކުގެ ތެރޭގައި މި ސަރުކާރުން އަލަށް ފެށި މަޝްރޫއުތަކާއި ނިމިގެން ދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއުތައްވެސް ހިމެނޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މި ސަރުކާރު ފެށުނުއިރުގައި އެންމެ ފުރަތަމަވެސް އިސްކަން ދިނީ ހުރި ވަސީލަތްތަކުގެ ބޭނުންކޮށްގެން މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކަމަށެވެ.

ރަށްރަށުގައި ހުރި ޒޯން ސްޓޭޑިއަމްތައް މަރާމާތުކުރުމަށް އިސްކަމެއް ދެއްވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ވަކިން ހާއްސަކޮށް ސ. ހިތަދޫގައި ހުންނަ ޒޯން ސްޓޭޑިއަމް މަރާމާތުކޮށް، އެތަނުގައި އިންޓަސްކޫލް އެތްލެޓިކްސް މުބާރާތްވެސް ބޭއްވިފައިވާ ކަމަށް ވިދާޅުވި އެވެ.

މީގެއިތުރުން 1.2 މިލިއަން ރުފިޔާ ހަރަދުކޮށް، ހދ. ކުޅުދުއްފުށީގައި ހުންނަ ޒޯން ސްޓޭޑިއަމް މަރާމާތުކުރުމުގެ އެއް ފިޔަވަހި ނިމިފައި ކަމަށާއި ނުވަ ލައްކަ ރުފިޔާ ހަރަދުކޮށް ގދ. ތިނަދޫ ސްޓޭޑިއަމް މަރާމާތުކޮށްފައިވާ ކަަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހާ ހަމައަށް ކުޅިވަރުގެ ދާއިރާގެ ޕީއެސްއައިޕީ މަޝްރޫއުތަކަށް 127 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާނެ ކަމަށެވެ. އެކަމަކު މިދިޔަ އަހަރު ކުޅިވަރު ދާއިރާގެ ޕީއެސްއައިޕީ މަޝްރޫއުތަކަށް ހަރަދުކޮށްފައިވަނީ 123 މިލިއަން ރުފިޔާ ކަމަށްވެސް މިނިސްޓަރު ފާހަގަކުރައްވާފައިވެ އެވެ. މީގެތެރޭގައި ފުޓުބޯޅަ ދަނޑުތަކާއި، ވޮލީ ކޯޓުތަކާއި، ފުޓްސަލް ދަނޑުތަކާއި، އައުޓްޑޯ ޖިމް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ކުރި ހޭދަ ހިމެނޭ ކަމަށްވެސް ވިދާޅުވި އެވެ.