ރޭސިންއަށް ތިލަފުށިން ބިމެއް ހޯދައިދިނުމަށް ހައުސިން މިނިސްޓްރީގައި އެދިފައިވާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރޭސިން އަދި ޑްރިފްޓިން އެސޯސިއޭޝަންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް އެ އެސޯސިއޭޝަންތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާފައިވާނެ ކަމަށެވެ.
ރާފިއު ވިދާޅުވީ ރޭސިން ބާއްވާ ތަންތަނަކީ ސިއްހީ ގޮތުން އަދި ސަލާމަތީ ގޮތުން އެންމެ ރައްކާތެރި ތަންތަންކަން ކަށަވަރުކުރުމާ ބެހޭ މަޝްވަރާތައް އެ ބައްދަލުވުމުގައި ކުރެއްވި ކަމަށެވެ. އެގޮތުން ކޮންމެ ކުޅިވަރެއް ކުޅުނު ނަމަވެސް އެ ކުޅިވަރެއް ބާއްވާ ތަނަކީ ކުޅުންތެރިންނަށާއި ބެލުންތެރިންނަށް ރައްކާތެރި މާހައުލަކަށް ވާންޖެހޭ ކަމަށް ވިދާޅުވި އެވެ.
"އެކަންކަން ބެލެހެއްޓުމަށްޓަކައި އަޅުގަނޑުމެންގެ ޓީމެއް ވަނީ ހަމަޖައްސާފައި،" ރާފިއު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެފަދަ ރައްކާތެރި ތަނަކަށް ރޭސް ކުރާ ތަން ހެދުމަށް ކުރެވޭނެ ކަންކަމާ ބެހޭ ގޮތުން ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވަނީ ރޭސިން އަދި ޑްރިފްޓިންއަށް ހާއްސަ ޓްރެކެއް އަޅައިދޭނެ ކަމަށް ވައުދުވެފަ އެވެ. ރާފިއު ވިދާޅުވީ އެ ޓްރެކް އެޅުމަށް ބިން ހަމަޖެއްސުމަށްޓަކައި ހައުސިން މިނިސްޓްރީއަށް ވާނީ ސިޓީއެއް ފޮނުއްވާފައި ކަމަށެވެ.
ރޭސިން އަދި ޑްރިފްޓިން އެސޯސިއޭޝަނަށް ހުޅުމާލެ އިން މީގެކުރިން ދީފައިވާ ބިމުގެ އެއްބަސްވުން ރައީސް މުއިއްޒު ބާތިލުކުރެެއްވީ މިދިޔަ ބުރާސްފަި ދުވަހު ސްޕޯޓްސް ކާރަކާއި ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވި ހާދިސާއާ ގުޅިގެންނެވެ.
ރައީސްގެ ނިންމެވުމާ ގުޅިގެން ރޭސިން އަދި ޑްރިފްޓިން އެސޯސިއޭޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.