ނ. ހޮޅުދޫގައި ޒަހަމްތަކަކާއި އެކު މަރުވެފައި އޮއްވާ ފެނުނު އެ ރަށު ޒަކިއްޔާ މޫސާ މަނިކު މަރާލަންޖެހޭ ފަދަ ކުށުގެ ވެއްޓެއް އަދި އެފަދަ ކުށެއް ކުރާނެ ވަރުގެ މީހަކު ހޮޅުދޫގައި ނޫޅޭނެ ކަމަށް އެ ރަށު ކައުންސިލްގެ ރައީސް ރިލްވާނު މުހައްމަދު ވިދާޅުވެއްޖެ އެވެ.
ޒަކިއްޔާގެ މަރާ ގުޅިގެން އަވަސްއަށް މިއަދު މައުލޫމާތު ދެއްވަމުން ރިލްވާން ވިދާޅުވީ ހޮޅުދޫ އަކީ މީހަކު މަރާލުން ފަދަ ބޮޑެތި ކުށްތަކަށް އަރައިގަންނަ މީހުން ދިރިއުޅޭ ރަށެއް ނޫން ކަމަށެވެ. ޒަކިއްޔާގެ މަރާ ގުޅިގެން ހޮޅުދޫ ރައްޔިތުން ބަދުނާމުވާ ގޮތަށް އެކި ވާހަކަތައް ދެކެވޭތީ ކަންބޮޑުވާ ކަމަށްވެސް ވިދާޅުވި އެވެ.
ރިލްވާން ވިދާޅުވީ ހޮޅުދޫގެ ކުށުގެ ތަފާސްހިސާބަށް ބަލާއިރު މާރާމާރީ އާއި ވައްކަންކުރު ފަދަ ކުށްތަކަކީ އެރަށުގައި އާންމު ކުށްތަކެއް ނޫން ކަމަށާއި، ނަމަވެސް މަސްތުވާތަކެތި ބޭނުންކުރާ މީހުން ރަށުގައި ކޮންމެވެސް ވަރަކަށް އުޅޭ ކަމަށެވެ.
ހޮޅުދޫ ރައީސް ވިދާޅުވީ ޒަކިއްޔާގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް މިވަގުތު އެރަށުގައި ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވާ ކަމަށާއި ނަމަވެސް މައްސަލައިގެ ތުހުމަތުގައި އެއްވެސް މީހަކާ ސުވާލުކޮށް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.
"ހާދިސާ ހިނގި ވަގުތުން ފެށިގެން ފުލުހުން ދަނީ ސީންގައި ހަރަކާތްތެރިވަމުން. އެސަރަހައްދު ބަންދުކޮށްގެން ތަހުގީގު ދަނީ ކުރަމުން،" ރިލްވާން ވިދާޅުވި އެވެ.
ޒަކިއްޔާގެ މަރާ ގުޅިގެން ދެކެވެމުންދާ ތަފާތު ވާހަކަތަކާ ގުޅިގެން ރިލްވާން ވިދާޅުވީ މީހެއްގެ މަރާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ދައްކަނީ އެއްވެސް ޒިންމާދާރު ކަމެއް ނެތް ވާހަކަތަކެއް ކަމަށާއި އެކަމާ ހިތާމަކުރައްވާ ކަމަށެވެ. ޒަކިއްޔާ އަކީ ނަފްސާނީ ބައްޔަކަށް ފަރުވާކުރަމުންދާ މީހެއް ކަމަށްވެސް ރިލްވާން ވަނީ ޔަގީންކޮށްދެއްވާފަ އެވެ.
"ޒަކިއްޔާ އަކީ އެންމެންނާވެސް ގުޅޭ ހިތްހެޔޮ މިޒާޖެއްގެ މީހެއް. އެހެންވީމާ ޒަކިއްޔާއަށް ގެއްލުމެއް ދޭނެ މީހަކު އުޅެދާނެ ކަމަކަށްވެސް ނުބެލެވޭ،" އޭނާ ވިދާޅުވި އެވެ.
ޒަކިއްޔާ ދިރިއުޅޭ ގޭގައި ޒަހަމްތަކަކާ އެކު އޭނާ މަރުވެފައި އޮއްވާ ފެނުނީ އިއްޔެ ހެނދުނު 10:10 ހާއިރު އެވެ. ޒަކިއްޔާގެ މަރުގެ ތަހުގީގުގެ ބޭނުމަށް އޭނާގެ ހަށިގަނޑު ރޭގެ ވަގުތެއްގައި ވަނީ މާލެ ގެނެސްފަ އެވެ.