ރަތްމަންދޫ

ރަތްމަންދޫ ރައްޔިތުންވެސް އެހެން ރަށަކަށް ހިޖުރަކުރަން އެދިއްޖެ

މ. ރަތްމަންދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުވުމަށް އެރަށު ކައުންސިލްގައި އެދިއްޖެ އެވެ.

އަވަސްއަށް މިއަދު މައުލޫމާތު ދެއްވަމުން ރަތްމަންދޫ ކައުންސިލަރަކު ވިދާޅުވީ އެރަށުގެ އާބާދީގައި ހިމެނޭ ގިނަ ބަޔަކު ސޮއިކޮށް ކައުންސިލް އިދާރާއަށް މިދިޔަ މަހުގެ 15ގައި ޕެޓިޝަނެއް ފޮނުވާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ރަށުގެ އާބާދީ މަދުވެ ރަށުގައި މުސްތަގުބަލާ މެދު ސުވާލު އުފެދޭތީ ރައްޔިތުންގެ ބަޔަކު ފޮނުވި ޕެޓިޝަންގައި އެދިފައިވަނީ އެހެން ރަށަކަށް ބަދަލުވުމަށް ހުރި ފުރުސަތުތައް ބަލައިދިނުމަށެވެ. އެހެންވެ ރައްޔިތުން އެދުނު ފުރުސަތު އޮތް ގޮތް ބެލުމަށް ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"އެކަމަކު ކައުންސިލުން މިކަމުގައި އަދި ރަސްމީ ވަކި ގޮތެއް ނުނިންމަން. އެހެންނަމަވެސް ރައްޔިތުންގެ އަގުލަބިއްޔަތުން އެގޮތަށް އެދުނީމާ ކައުންސިލުން އެކަމުގައި އުޅޭނެ،" އޭނާ ވިދާޅުވި އެވެ.

ރަތްމަންދޫގައި މިވަގުތު ދިރިއުޅެނީ 239 މީހުންނެވެ. އެއީ 118 އަންހެނުންނާއި 121 ފިރިހެނުންނެވެ.

ރަށުގައި ކިޔަވާ ކުދިންގެ އަދަދު މަދުވުމާ ގުޅިގެން ސްކޫލުގައި ކިޔަވައިދެނީވެސް ގުރޭޑު 6އާ ހަމައަށެވެ.

ރަތްމަންދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުވުމަށް އެދިފައި މިވަނީ ހދ. ހިރިމަރަދޫ ރައްޔިތުން ކ. ތުލުސްދޫއަށް ބަދަލުވުމަށް އެދި ސަރުކާރަށް ހުށަހަޅާފައި ވަނިކޮށެވެ.