މޯލްޑިވްސް ޕޮލިސް ސާވިސް

ޒަހަމް ތަކާއެކު ގެސްޓް ހައުސްއިން ފެނުނު މީހާއާ މާރާމާރީ ހިންގި ދެ މީހަކު ހައްޔަރުކޮށްފި

ހެންވޭރު ގެސްޓް ހައުސް އެއްގެ ތެރެއިން ޒަހަމްތަކާއެކު ފެނުނު މީހާއާ މާރާމާރީ ހިންގިކަަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ކ. ތުލުސްދޫ، ޕެރިސް، ފައުޒާން ޒަރީރު (23އ) އާއި މާލެ، މއ. ވޮށްކޮޅުގެ، އަހުމަދު މާޒިން އިބްރާހިމް (23އ) ކަމަށެވެ. އެމީހުން ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ.

މައްސަލައާ ގުޅިގެން ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ހެންވޭރު ގެސްޓް ހައުސް އެއްގެ ކޮޓަރިއެއްގެ ތެރޭގައި އުޅޭ 27 އަހަރުގެ ދިވެހި ފިރެހެނެއް ޒަހަމްތަކާއެކު ފެނުނީ މި މަހުގެ ނުވަވަނަ ދުވަހުއެވެ.

ފުލުހުން ބުނީ އޭނާގެ ހަބަރެއް ނުވާ ކަމަށް މައުލޫމާތު ލިބިގެން ފުލުހުން އެތަނަށް ގޮސް ބެލިއިރު އޭނާ ފެނިފައިވަނީ ޒަހަމްތަކަކާ އެކު އޮއްވާ ކަމަށެވެ.

އޭނާއަށް މިހާރު ދަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުންނެެވެ.

މި މީހާ ގެސްޓްހައުސް އިން ނެރެގެން ގެންދާ މަންޒަރުގެ ވީޑިއޯ ސޯޝަލްމީޑިއާގައި އާންމުވެފައިވާއިރު އޭނާގެ މޫނު ދުޅަވެފައިވާކަން ވީޑިއޯ އިން އެނގެ އެވެ.

ފުލުހުން މި މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.