ލ. އިސްދޫ ސްކޫލްގެ ބެލެނިވެރިން ނުކުމެ ސްކޫލްގައި ތަޅު އަޅުވާ ސްކޫލްދޮށުގައި މުޒާހަރާ ކުރަން ފަށައިފި އެވެ.
އިސްދޫ ސްކޫލްގެ ކައުންސިލް މެމްބަރު ހަސަން ނަޝްރިފް ވިދާޅުވީ ބެލެނިވެރިން ނުކުމެ ސްކޫލްގައި ތަޅު އަޅުވައި ބަންދު ކުރީ ސްކޫލްގައި މައްސަލަތަކެއް ހުރެގެން ކަމަށާއި ބެލެނިވެރިން ސްކޫލް ދޮށުގައި މުޒާހަރާ ކުރަމުން ކަމަށެވެ.
ބެލެނިވެރިން މުޒާހަރާ ކުރަމުންދަނީ ސްކޫލްގައި ޕްރިންސިޕަލެއް ނެތުމާއި ޕީޓީއޭ އާއި ބެލެނިވެރިން އަދި ސްކޫލް ގުޅިގެން 2008 ވަނަ އަހަރު ހަދަން ފަށާފައިވާ ދެބުރި އިމާރާތުގެ މަސައްކަތް ހުއްޓިފައިވާތީ އާއި ސްކޫލް ކޮމްޕިއުޓާ ލެބްގައި ހުރި ކޮމްޕިއުޓާތައް ހަލާކުވެފައިވާ ކަމަށް ބުނެ އެވެ.
އޭނާ ވިދާޅުވީ ދެބުރި އިމާރާތުގެ މަސައްކަތް ސަރުކާރުގެ ބަޖެޓުގެ ތެރެއިން 2014 ވަނަ އަހަރު ހަވާލުކޮށްފައިވާ ކަމަށާއި ނަމަވެސް ދެވަނަ ފަހަރަށް ބިޑުކޮށްފައިވާ ކަމަށާއި އަމަލީ މަސައްކަތް ނުފެށޭ ކަމަށެވެ.
އޭނާ ވިދާޅުވީ އެޑިއުކޭޝަނުން ސްކޫލަށް ކުދިން ހާޒިރުވުމަށް އެންގި ނަމަވެސް މިއަދު ސްކޫލްގައި ކިޔެވުން ނުފެށޭ ކަމަށާއި ނަމަވެސް ކޮންމެސް ވަރަކަށް ކުދިން ސްކޫލަށް ދިޔަ ކަމަށެވެ. ނަމަވެސް ބެލެނިވެރިން އިހުތިޖާޖް ކުރަމުންދާތީ ކުދިންނަށް ސްކޫލަށް ނުވަދެވޭ ކަމަށެވެ.
އިސްދޫ ސްކޫލަކީ 300 އެއްހާ ކުދިން ތައުލީމް ހާސިލްކުރާ ސްކޫލެކެވެ. އެ ސްކޫލް ކައިރީގައި ގާތްގަނޑަކަށް 50 އެއްހާ ބެލެނިވެރިން ބެނާތަކާއި ބޯޑުތައް ހިފައިން މުޒާހަރާ ކުރެއެވެ.