ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ލ. އަތޮޅުގައި އިތުރު އެއާޕޯޓެއް އަޅައިދޭނަން: ރައީސް

ލ. އަތޮޅުގައި އިތުރު އެއާޕޯޓެއް އަޅުއްވައިދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ލ. އިސްދުކަލައިދޫގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ވިދާޅުވީ ލ. އަތޮޅުގައި އިތުރު އެއާޕޯޓެއް އަޅުއްވައިދެއްވާނެ ކަމަށެވެ. ނަމަވެސް މިމަޝްރޫއުގެ އިތުރު ތަފްސީލެއް ރައީސް ހިއްސާކުރައްވާފައެއް ނުވެ އެވެ.

ރައީސް ވިދާޅުވީ ލ. އަތޮޅުގައި އިތުރު އެއާޕޯޓެއް އެޅުމަށް ނިންމި ނަމަވެސް އެކަމަށް އަދި ވަކި ސަރަހައްދެއް ސަރުކާރުން ކަނޑައަޅާފައެއް ނުވެ އެވެ.

"މިކަން ފައިނަލް ކުރެވިގެންދާނީ ރައްޔިތުންނާއި ސަރުކާރުގެ އިސްވެރިންނާ ދެމެދު މަޝްވަރާ ކުރުމަށްފަހު،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކަންކަމުގައި ވައުދުވަނީ އެ ކަންކަން ކުރެވޭނެ ގޮތްތައް ބަލައިގެން ކަމަށާއި އެއީ އިންތިހާބަށް އަމާޒުކޮށް ދައްކާ ވާހަކަތަކެއް ނޫން ކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވައުދު ވަނީ ރައްޔިތުންނާ ވާހަކަދެއްކުމަށްފަހު ރައްޔިތުން ބޭނުންވާ ކަންކަން ބަލައިގެން ކަމަށެވެ. ގައުމުގެ ހާލަތު ރަނގަޅުކޮށް އިތުުރު ހަރުފަތަކަށް ގެންދިއުން ފިޔަވާ އިތުރު ބޭނުމެއް އެމަނިކުފާނުގެ ނެތް ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ނިމިދިޔަ ސަރުކާރުތަކުން ދިވެހިންނާ މެދު ކަންކުރެއްވި ގޮތަށް ކަންކަމުގައި އިހްމާލު ނުވާނެ ކަމަށާއި ކުރީގެ ސަރުކާރުތަކުން ހުރިހާ ކަމެއް ވެސް ކުރަމުން ދިޔައީ ރައްޔިތުންނަށް އޮޅުވާލައިގެން ކަމަށެވެ.

ކޮވިޑްގެ އެންމެ ނުރައްކާތެރި ދުވަސްވަރު ރައްޔިތުން ކައިރީގައި ވެކްސިިން ނުޖަހަން ބުނުމަށްފަހު އިދިކޮޅު ބައެއް އިސް ބޭފުޅުން ސަރުކާރުގެ އިސްވެރިންނަށް ގުޅުއްވައިގެން ސިއްރުން ވެކްސިންވެސް ޖެއްސެވި ކަމަށެވެ. އެހެންވެ ކުރިއަށް އޮތް ތަނުގައިވެސް އިދިކޮޅުން ކަންކަން ކުރައްވާނީ އޮޅުވާލައިގެން ކަމުގައިވެސް ވިދާޅުވި އެވެ.