އިސްދޫ

މުޒާހަރާ ކުރާވަރު މައްސަލައެއް އިސްދޫ ސްކޫލަކު ނެތް: އެޑިއުކޭޝަން

އިސްދޫ ސްކޫލުގައި މުޒާހަރާ ކުރާ ވަރުގެ މައްސަލަތަކެއް ނެތް ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފި އެވެ.

އެޑިއުކޭޝަން އިން މިހެން ބުނީ، އިސްދޫ ސްކޫލް ދަރިވަރުންގެ ބެލެނިވެރިން ނުކުމެ ސްކޫލްގައި މައްސަލަތަކެއް ހުރި ކަމަށްބުނެ ތަޅު އަޅުވައި މުޒާހަރާ ކުރުމުންދާތީ އެވެ. މުޒާހަރާ ކުރާ ބެލެނިވެރިންނާ ހަވާލާދީ އެރަށު ކައުންސިލުން ބުނީ މުޒާހަރާ ކުރަނީ ސްކޫލުގައި ޕްރިންސިޕަލް އެއް ނެތުމާއި އެ ސްކޫލުގައި ހަދަން ފަށާފައިވާ ދެބުރި އިމާރާތުގެ މަސައްކަތް ހުއްޓިފައިވާތީ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އިސްދޫ ސްކޫލަށް ޕްރިންސިޕަލަކު ހަމަޖައްސާފައިވާ ކަމަށާއި މިހާރުވެސް ޕްރިންސިޕަލެއްގެ ޒިންމާ އަދާކުރެވޭ ފެންވަރުގެ ބޭފުޅަކު ހުންނާނެ ކަމަށެވެ. އަލަށް ހަމަޖެއްސި ޕްރިންސިޕަލް ވަރަށް އަވަހަށް ސްކޫލާއި ހަވާލުވެ ވަޑައިގަންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސްކޫލުގައި އާއިމާރާތް އެޅުމުގެ މަސައްކަތައް އިޝާރާތްކޮށް އެ އޮފިޝަލް ވިދާޅުވީ އެ މަސައްކަތް އޮތީ ހުއްޓިފައި ނޫން ކަމަށާއި އިމާރާތް އެޅުމުގެ މަސައްކަތް ކުރިޔަށް ދާނެ ކަމަށެވެ.

"އެއީ ތެދު ވާހަކަ އެއް ނޫން. ސްކޫލު އިމާރާތް އެޅުމުގެ މަސައްކަތް ވެސް ކުރިޔަށްދޭ. ބެލެނިވެރިން ސްކޫލުގައި ތަޅުއަޅުވައިގެން މުޒާހަރާ ކުރާ ވަރު މައްސަލަ އެއް ނެތް،" އޮފިޝަލް ވިދާޅުވި އެވެ.

ކައުންސިލުން ބުނީ މިއަދު ހެނދުނު ސްކޫލު ތަޅުލައި މުޒާހަރާ ކުރަން ފަށާފައިވާ އިރު ފުލުހުން މިހާރު ވަނީ ސްކޫލް ހުޅުވާފަ ކަމަށެވެ. ނަމަވެސް އަދި ކިޔަވައިދޭން ނުފަށާ ކަމަށާއި ބެލެނިވެރިން އެ ތަނުގައި އަދިވެސް ތިބި ކަމަށެވެ.