ވެލިދޫ

ވެލިދޫގައި ހިންގާ ޑްރަގު ނެޓްވޯކެއްގެ ބަޔަކު ހައްޔަރުކޮށްފި

ނ. ވެލިދޫގައި ފުޅާކޮށް ހިންގަމުން ދިޔަ މަސްތުވާތަކެތީގެ ނެޓްވޯކެއްގައި ހިމެނޭ ހަތް މީހަކު ހައްޔަރުކޮށްފި އެވެ. މި އެންމެންނަކީވެސް ވެލިދޫ މީހުންނެވެ.

މި އޮޕަރޭޝަން އިއްޔެގެ ވަގުތެއްގައި ވެލިދޫގައި ކުރިއަށް ގެންދިޔައީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އަދި ނޯތު ޕޮލިސް ފުލުހުން ގުޅިގެންނެވެ.

މި އޮޕަރޭޝަނުގައި ވެލިދޫގެ ބައެއް ގޭގެ ބަލައި ބަލައި ފާސްކުރުމަށްފަހު މަސްތުވާތަކެތި ކަަމަށް ބެލެވޭ ތަކެތި ހޯދާފައިވެ އެވެ. މިތަކެތީގެ ވަގުތީ ބަރުދަނަކީ 1547.44 ގްރާމެވެ. މީގެއިތުރުން 50،000 އަށް ވުރެ ގިނަ ދިވެހި ރުފިޔާއާއި އެމެރިކާ ޑޮލަރުވެސް ފުލުހުން ހޯދާފައިވެ އެވެ.

މި އޮޕަރޭޝަނުގައި ހަތް މީހުން ހައްޔަރުކޮށް ބަންދާމެދު ގޮތެެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އެކަކު ދޫކޮށްލާފަ އެވެ. ދެން ތިބި ހަ މީހުންގެ ތެރެއިން އެކަކު 8 ދުވަހަަށް އަދި ފަސް މީހުން 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެ އެވެ.

ކޯޓުން 8 ދުވަހަށް ބަންދުކުރުމަށް އަމުރުކުރީ އަހްމަދު މުރުޝިދު (35އ) އެވެ. ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކުރީ އަބްދުﷲ ނިޝާދު (26އ)، އަހްމަދު އަސީމް (26އ)، އަހްމަދު ނައުޝާދު (28އ)، އަލީ ރަޝީދު (30އ) އަދި މުހައްމަދު މާއިދު (28އ) އެވެ.

ފުލުހުން ހައްޔަރު ކުރި ހަތް މީހުންގެ އިތުރުން މި އޮޕަރޭޝަނުގައި އިތުރު ބަޔަކުވެސް ބަލައި ފާސްކުރި ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.