ހަބަރު

ޕިކްފައިން ޕެކެޓެއްގައި ޑްރަގް އެތެރެ ކުރަނިކޮށް އަތުލައިގެންފި

ޕިކްފައިން ޕެކެޓެއްގައި ނ. މަގޫދޫ އަށް ޑްރަގް އެތެރެ ކުރަން އުޅެނިކޮށް މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ނ. މަނަދޫ ޕޮޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަގޫދޫއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މީހަކު ހައްޔަރު ކޮށްފަައިވާ ކަމަށެވެ.

މާލެއިން ފުރައިގެން މަގޫދޫއަށް އަންނަ ބޯޓަކުން މަސްތުވާތަކެތި ގެންނަކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ މިހާ ހައްޔަރު ކުރީ އިއްޔެ ހެނދުނު އެވެ. ހައްޔަރުކޮށްފައިވަނީ 44 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މަގޫދޫ ބަނދަރު ސަރަހައްދުން އެމީހާ ފުލުހުންގެ ބެލުމުގެދަށަށް ގެނެސް ބަލައިފާސްކުރިއިރު، އެމީހާގެ އަތުގައި އޮތް ކޮތަޅެއްގެ ތެރެއިން މަސްތުވާތަކެތި ތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ނ. މަނަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ބަލަމުންނެވެ.

މީގެ އިތުރުން، އެ އަތޮޅު ވެލިދޫ އިން ބަނގުރާ ކެއްކުމަށް ބޭނުން ކުރާ ތަކެއްޗާއެކު އިއްޔެ ވަނީ މީހަކު ހައްޔަރު ކޮށްފަ އެވެ. އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 54 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަނުގައި، އެ މީހާ ހައްޔަރުކޮށް އެމީހާ އުޅެމުންދިޔަ ގެ ބަލައިފާސްކުރިއިރު ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 20 ލީޓަރުގެ ހަމަކާއި ބަނގުރާ ކެއްކުމަށް ބޭނުންކުރާކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ. މި މައްސަލަ އެ ރަށު ޕޮލިސް ސްޓޭޝަނުން ދަނީ ބަލަމުންނެވެ.