މަސްތުވާތަކެތި

ވެލިދޫން މަސްތުވާތަކެއްޗާ އެކު ދެ މީހުން ހައްޔަރުކޮށްފި

ނ. ވެލިދޫގައި ފުލުހުން ކުރިއަށް ގެންދިޔަ މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ހައްޔަރުކޮށްފައިވަނީ ނ. ވެލިދޫ، ހުދުއަސުރުމާގެ، އަބްދުއްލަތީފް މޫސާ (47އ) އާއި، ނ. ވެލިދޫ، ނެދުންގެ، މުހައްމަދު މާއިދު (28އ) އެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަންގެ ތެރެއިން މިމަހުގެ 20 ވަނަ ދުވަހު މި ދެ މީހުން ހައްޔަރުކޮށް، އެ މީހުން ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ.

ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 440.7 ގުރާމެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރިކުރުމުން އަބްދުއްލަތީފް 32 ދުވަހަށް އަދި މާއިދު ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެ އެވެ.

މި މައްސަލަ ވެލިދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.