ޑރ. މުހައްމަދު މުއިއްޒު

ޑިމޮކްރެޓިކް ނިޒާމު ބިނާކުރަން ވަނީ އިސްލާމް ދީނުގެ މައްޗަށް : ރައީސް

ޑިމޮކްރެޓިކް ނިޒާމު ބިނާކުރަންވާނީ އިސްލާމް ދީނުގެ މައްޗަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ ޑިމޮކްރަސީ ދުވަހާ ގުޅިގެން ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއް ގައެވެ.

ރައީސް ވިދާޅުވީ ދިވެހި ގައުމު ހިންގުމުގެ ޑިމޮކްރެޓިކް ނިޒާމު ބިނާކުރަންވާނީ އިސްލާމް ދީނާއި ދިވެހި ރައްޔިތުން ގަބޫލުކުރާ ހަމަތަކާއި، ދިވެހިވަންތަ އާދަކާދަތަކުގެ މައްޗަށް ކަމަށެވެ.

ރާއްޖޭގައި ޑިމޮކްރެޓިކް އުސޫލުން ވެރިކަން ކުރަން ފެށީ ދިވެހިން މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީ ތަސްދީގު ކުރެއްވި ދުވަހުން ފެށިގެންނެވެ.

އޭގެފަހުން މިވީ 17 ވަރަކަށް އަހަރުގެ ތެރޭގައި ދިވެހި ދައުލަތުގެ ތިން ބާރު ވަކިކުރެވި ދައުލަތުގެ ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވެ އެވެ.

ޑިމޮރެޓިކް ނިޒާމެއްގައި އެންމެ ބާރުގަދަ ފަރާތަކީ ރައްޔިތުން ކަމަށްވާއިރު ރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާ އަދި މަޖިލިސް މެންބަރުންނާއި ކައުންސިލަރުން ރައްޔިތުން ވޯޓުން ހޮވުމަށް ފުރިހަމަ ބާރުވެރިކަން މިހާރު ވަނީ ލިބިދީފަ އެވެ.