ދިރާގު ކަސްޓަމަރުންނަށް ހައި ސްޕީޑް ލޯންޗެއް ހޯދުމުގެ ފުރުސަތު ލިބޭ ހާއްސަ ޕްރޮމޯޝަނެއް އެކުންފުނިން ތައާރަފްކޮށްފި އެވެ.
ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި ޕްރޮމޯޝަންގެ ތަފްސީލް އެކުންފުނިން ވަނީ ހިއްސާކޮށްފަ އެވެ.
ދިރާގު "ވިން އަ ސްޕީޑްބޯޓް"ގެ ނަމުގައި ކުރިއަށްދާ މި ޕްރޮމޯޝަންގައި ދިރާގު ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ފައިބަ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މުޅިން އާ އަލް ޝާލީ މެރިން ބޯޓަކާއި ޔަމަހާ އައުޓްބޯޑް ދެ އިންޖީނު ހޯދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
އެގޮތުން ޕްރީޕެއިޑް ޕްލޭންތަކަށް 400 ރުފިޔާ ނުވަތަ އެއަށްވުރެ މަތިން ރީޗާޖުކުރާ ކަސްޓަމަރުންނާއި ޕޯސްޓްޕެއިޑް 400 އަދި ފައިބަ ބްރޯޑްބޭންޑް 30އެމްއަށް ވުރެ މަތީގެ ޕްލޭންތަކަށް ސަބްސްކްރައިބް ކުރާ ފަރާތްތަކަށް މި ޕްރޮމޯޝަންގެ ގުރުއަތުގައި ބައިވެރިވެވޭނެ އެވެ.
ދިރާގުގެ ޚިދުމަތް މިހާރު ބޭނުންކުރަމުންދާ ކަސްޓަމަރުންނާއި އަލަށް ދިރާގާ ގުޅޭ ކަސްޓަމަރުންނަށްވެސް މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އަދި ހުރިހާ ކަސްޓަމަރުންވެސް ހާއްސަ ޕޯޓަލް މެދުވެރިކޮށް މިއަހަރުގެ ޑިސެމްބަރު 16 ވަނަ ދުވަހުގެ ކުރިން މި ޕްރޮމޯޝަންގައި ބައިވެރިވާން ޖެހެ އެވެ.
ދިރާގުގެ ޑިރެކްޓާ، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ މިދިޔަ އަހަރުގެ ދިރާގު "ވިން އަ ޓެސްލާ" ޕްރޮމޯޝަނަށް ކަސްޓަމަރުންގެ ފަރާތުން ލިބުނު ފޯރިގަދަ ތަރުހީބަށް ބަލައި މި ފަހަރު އެއަށްވުރެ ބޮޑު އިނާމެއް ހޯދުމުގެ ފުރުސަތު ހުޅުވާލުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"އެގޮތުން ދިރާގުގެ 36 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ތައްޔާރުވަމުން ދާއިރު، އަޅުގަނޑުމެން މިފަހަރު މިދެނީ ކަސްޓަމަރުންނަށް އަލް ޝާލީ މެރިން މަޖެލަން، 32 ލޯންޗާ އެކު ޔަމަހާ އައުޓްބޯޑު ދެ އިންޖީނު ކާމިޔާބު ކުރުމުގެ ފުރުސަތު. މި ހައި ސްޕީޑް ލޯންޗަކީ އާއިލާއާ އެކު ވަގުތު ހޭދަކޮށްލަން ނުވަތަ މަސް ދަތުރު ދިޔުން ފަދަ ތަފާތު މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށް ބޭނުންކުރެވޭނެ ވަރަށް ފުރިހަމަ އަދި އެހާމެ ހިތްގައިމު ލޯންޗެއް،" މިރްޝާން ވިދާޅުވި އެވެ.
އަލް ޝާލީ މެރިން، މަޖެލަން 32 ސްޕީޑްބޯޓަކީ ރާއްޖޭގެ ޕްރިމިއަމް އަދި އެންމެ އިސް ސަފުގައި ހަރަކާތްތެރިވާ ބޯޓު އެފުއްދުންތެރިން ކަމުގައިވާ އަލް ޝާލީ މެރިން މޯލްޑިވްސްއިން ފަރުމާކޮށްފައިވާ ލޯންޗެކެވެ. މި ލޯންޗާ އެކު މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތަކަށް ޔަމަހާއިން މި ލޯންޗަށް ބޭނުންވާ 175 ހޯސްޕަވަރުގެ ދެ އައުޓްބޯޑް އިންޖީނު ދޭނެ އެވެ. ޔަމަހާއަކީ ރާއްޖޭގައި 50 އަހަރު ދުވަހުގެ ހިދުމަތުގެ ތަޖުރިބާ ލިބިފައިވާ، ދުނިޔޭގެ ނަން މަޝްހޫރު، އައުޓްބޯޑް އިންޖީނަށް ހާއްސަ ބްރޭންޑެކެވެ.
ދިރާގު "ވިން އަ ސްޕީޑްބޯޓް" ޕްރޮމޯޝަންގައި ބައިވެރިވުމުގެ މުއްދަތުގެ ތެރޭގައި ކޮންމެ މަހަކުވެސް އިނާމު ލިބޭ ހާއްސަ ބައެއް އެކުލެވިގެންވެ އެވެ. އެގޮތުން އިނާމުގެ ގޮތުގައި ގޯ ޕްރޯ ހީރޯ 12، ސުންޓޯ ޑީ5 ވޮޗް، ޑީޖީއައި މިނީ 2 އެސްއީ ފްލައި މޯ ކޮމްބޯ، އަދި ސްޕޯޓްސް ފިޝިންގް ގިއަ ސެޓް ފަދަ ހިތްގައިމު އިނާމުތައް ހިމެނެ އެވެ.
މި ޕްރޮމޯޝަންގެ ބޮޑު އިނާމު ހޯދުމަށް ބައިވެރިވާ ހުރިހާ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ފައިބަ ބްރޯޑްބޭންޑް ކަސްޓަމަރުންވެސް ކޮންމެ މަހަކު ކުރިއަށްދާ މި އިނާމު ލިބޭ ގުރުއަތުގައި އޮޓޮމެޓިކްކޮށް ބައިވެރިކުރެވޭނެ އެވެ.
ދިރާގަކީ ރާއްޖޭގައި މިފަދަ ފޯރިގަދަ ޕްރޮމޯޝަންތައް ކުރިއަށްގެންދާ ކުންފުނިތަކުގެ ތެރެއިންވެސް ނަމޫނާ ކުންފުންޏެކެވެ. އެގޮތުން ކޮންމެ އަހަރުކުވެސް އެ ކުނުފުނީގެ ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފާގަތިކަން ގެނެސްދޭނެ ފަދަ ހާއްސަ ޕްރޮމޯޝަންތަކާއި އޮފަތަށް ފަރުމާކޮށް، ޑިޖިޓަލް ރައްޖޭގައި ކުރިއެރުމަށް ދިރާގުން މަގުފަހިކޮށްދެ އެވެ.