ރައްޔިތުންގެ މަޖިލިސް

ތިން ވަނަ ދައުރުގެ ޖަލްސާތައް އޮކްޓޫބަރު ހަތެއްގައި ފަށަނީ

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް އޮކްޓޫބަރު ހަތްވަނަ ދުވަހު ފެށުމަށް ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ބޭއްވި ހާއްސަ ޖަލްސާތައް ނިންމާލައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވީ ތިން ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ އޮކްޓޫބަރު ހަތް ވަނަ ދުވަހު ބޭއްވުމަށް ގަސްދުކުރައްވާ ކަމަށެވެ.

ދައުރުން ބޭރު މަޖިލީހުގެ ޖަލްސާތަކެއް ބޭއްވީ މަޖިލީހުގެ ގަވާއިދުގެ ދަށުން ދައުރުން ބޭރު ޖަލްސާތަކެއް ބޭއްވުމަށް މަޖިލީހުގެ 50 މެންބަރުން ސޮއިކުރައްވާ ހުށަހެޅުއްވުމުންނެވެ.

އެއީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމުގެ މަސައްކަތް މަޖިލީހުން ނިންމުމާއި ސަރުކާރުގެ ފަރާތުން ކުންފުނީގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލްގެ މަސައްކަތް ނިންމުމެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ޕީޖީގެ މަގާމަށް ހ. ޔެލޯރޯސް، އައްބާސް ޝަރީފް އައްޔަންކުރުމަށް ރުހުން ދީފަ އެވެ.

މީގެ އިތުރުން ކުންފުނިތަކުގެ ހާއްސަ އާންމު ޖަލްސާ ބޭއްވުމަށް ދޭ މުއްދަތު ކުރުކުރަން ކުންފުނީގެ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.