ޖުމްހޫރީ ޕާޓީ

އޮޅުވާލައިގެން ޖުމްހޫރީ ޕާޓީއަށް ވެއްދިކަމަށް ބުނާ މައްސަލަ ސާބިތެއް ނުވި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަދި އަނބިކަނބަލުން އައިޝަތު ނަހްލާ -- ފޮޓޯ: އަވަސް
0%
0%
0%

އެހެން މީހެއްގެ ނަމުގައި ސޮއިކޮށްގެން، ޖުމްހޫރީ ޕާޓީއަށް މީހަކު ވެއްދި ކަމަށް ތުހުމަތު ކުރެވުނު މައްސަލަ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

މިއީ، ޖުމްހޫރީ ޕާޓީއަށް އެހެން މީހެއްގެ ނަމުގައި ސޮއިކޮށް، ފިންގާޕްރިންޓް ޖަހައި ފޯމް ހުށަހެޅި ކަމަށް ބުނެ، ދައުލަތުން މީހަކާ ދެކޮޅަށް ދައުވާ ކުރި މައްސަލައެކެވެ. މި މައްސަލައިގައި ދައުލަތުން އުފުލާފައިވަނީ އެނގިހުރެ ސައްހަ ނޫން ލިޔުމެއް އުފެއްދުމުގެ ދައުވާ އެވެ.

މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި މިއީ، 2020 ވަނަ އަހަރުގެ ކުރީކޮޅު، މީހެއްގެ ނަމުގައި ސޮއިކޮށް ފިންގާޕްރިންޓް ޖަހައި ޖުމްހޫރީ ޕާޓީގެ މެންބަރަކަށްވުމަށް އެދޭ ފޯމް ހުށަހެޅި މައްސަލަ އެވެ. މި މައްސަލައިގެ ޝަރީއަތުގައި އެ މީހާ ވަނީ އޭނާ ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފައި ނުވާނެ ކަމަށް ބުނެ ހެކިބަސް ދީފަ އެވެ. އަދި ދައުލަތުން ދައުވާ ކުރާ މީހާއަކީ ދަންނަ މީހެއް ނޫން ކަމަށްވެސް އޭނާ ބުނެފައިވެ އެވެ.

މި މައްސަލައިގައި ޕާޓީއަށް ވައްދަން ހުށަހަޅާފައިވާ ފޯމުގައި ހެކިވެރިއެއްގެ ގޮތުގައި ސޮއިކޮށްފައިވާ ދެ މީހުންގެ ތެރެއިން އެކަކުވަނީ އޭނާ އެ ފޯމުގައި ސޮއި ނުކުރާ ކަމަށް ބުނެފަ އެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާ ކުރި މީހާގެ މައްޗަށް ކުށް ސާބިތު ނުވިނަމަވެސް، މައްސަލަ ޖެހުނު ފޯމުގައި އޮތް ފިންގަޕްރިންޓާ ދައުވާ ލިބޭ މީހާގެ ފިންގާޕްރިންޓާ ދިމާވާކަން ފުލުހުންގެ ފޮރެންސިކް ތަހުގީގުން ފާހަގަވި އެވެ.

މި މައްސަލަ ކްރިމިނަލް ކޯޓުގެ ގާޒީ އާމިނަތު އަޒުލިފާ ނިންމަވާފައިވަނީ ދައުލަތުން ދައުވާ ކުރި މީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައަޅަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910