ޓީވީގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކޮށް ރާއްޖޭގައި ޒަމާނީ ޓެލެވިޒަން ބްރޯޑްކާސްޓިން ނެޓުވޯކެއް ގާއިމްކުރަން ދިވެހި ސަރުކާރުން ވަރަށް ހާއްސަ އަހަންމިއްޔަތެއް ދޭ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އުމަރު މިހެން ވިދާޅުވީ ރާއްޖޭގައި ޑިޖިޓަލް ޓެލެވިޒަން ބްރޯޑްކާސްޓިން ނެޓްވޯކެއް ގާއިމްކުރުމަށް ހިޔާރުކުރެވިފައިވާ އައިއެސްޑީބީޓީ ސްޓޭންޑާޑް އާއި ބެހޭގޮތުން ރާއްޖޭގައި މިއަދު ފެށި ސެމިނާ އިފްތިތާހް ކޮށްދެއްވަމުން ދެއްކެވި ވާހަކަފުޅުގަ އެވެ. އުމަރު ވިދާޅުވީ ޖަޕާނު ސަރުކާރުގެ އެހީގައި ގާއިމްކުރެވޭ ޓެލެވިޒަން ބްރޯޑްކާސްޓިން ނެޓްވޯކް ރާއްޖޭގެ ބްރޯޑްކާސްޓުކުރާ ފަރާތްތަކުން ބޭނުންކުރެވޭ މަގުފަހި ކުރެވޭނެ ކަމަށެވެ.
އަދި ރާއްޖޭގެ ބްރޯޑްކާސްޓުކުރާ ފަރާތްތަކުން ބްރޯޑްކާސްޓު ކުރުމުގައި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކުރާ ކަމަށް ވިދާޅުވި އެވެ. އަދި މީގެއިތުރުން އައެސްޑީބީޓީގެ ސަބަބުން އެމަޖެންސީ ހާލަތުގައިވެސް އެންމެ ފަސޭހައިން މައުލޫމާތު އާއްމުންނާ ހަމައަށް ފޯރުކޮށްދެވޭނެ ކަމަށް ވިދާޅުވި އެވެ.
"ރާއްޖެއަކީ ޒަމާނީ ބްރޮޑްކާސްޓިން އަށް އިސްކަންދޭ ގައުމެއް. އެންމެ ފުރަތަމަ ޓީވީ ޗެނަލެއް ރާއްޖޭގައި އުފައްދާފައިވަނީ 1970ގެ އަހަރުތަކުގެ ތެރޭގައި. މަންޒަރުތައް އޭރުވެސް ދެއްކީ ކުލަކޮށް. އޭރުވެސް ސަރަހައްދުގެ އެންމެ ރަނގަޅު ފެންވަރެއްގެ ޓީވީ ހިދުމަތް ދެމުންދިޔައީ ރާއްޖޭގައި." އުމަރު ވިދާޅުވި އެވެ.
މިއަދު ބަނޑޮހުގައި ފެށި އެއް ދުވަހުގެ މި ސެމިނާގައި ޖަޕާނާއި، ރާއްޖޭގެ ގިނަ އަދަދެއްގެ ބްރޯޑްކާސްޓަރުން ބައިވެރިވި އެވެ. މި ސެމިނާއަކީ ރާއްޖޭގައި ގާއިމްކުރެވޭ ބްރޯޑްކާސްޓިން ނެޓްވޯކްގައި ޖަޕާނުގެ އައިއެސްޑީބީޓީ ސްޓޭންޑާޑް ބޭނުންކުރުމާއި ބެހޭގޮތުން ރާއްޖޭގެ ބްރޯޑްކާސްޓަރުންނާއި ކަމާބެހޭ އިދާރާތަކަށް ބޭއްވި ސެމިނާ އެކެވެ.
ޖަޕާނުގެ އިންޓާނަލް އެފެއާޒް އެންޑެ ކޮމިއުނިކޭޝަން އަދި ހޯމް މިނިސްޓްރީ އާއި ކޮމިއުނިކޭޝަން އޮފް އޮތޯރިޓީ އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ މި ސެމިނާގައި ދުރާލާ އިންޒާރު ދިނުމުގެ ނިޒާމް އައިއެސްބީޓީ ސްޓޭންޑާޑްގެ ތެރެއިން ބޭނުްކުރެވޭނެ ގޮތްތަކާއި ބެހޭ މައުލޫމާތު ދޭނެ ކަމަށް ކޮމިއުނިކޭޝަން އޮތޯރިޓީން މައުލޫމާތުދެ އެވެ.
ދެހާސް ސާދަ ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޖަޕާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ޖަޕާނުގެ ބޮޑުވަޒީރާއެކު ސޮއިކުރެވުނު ޖޮއިންޓު ސްޓޭޓްމެންޓްގެ ދަށުން ޖަޕާނުގެ އައިއެސްޑީބީޓީ ސްޓޭންޑާޑް ރާއްޖޭންވަނީ ބަލައިގަނެފަ އެވެ. އަދި ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި އައިއެސްޑީބީޓީ ނެޓްވޯކެއް ގާއިމްކުރަން އެހީވެދޭނެ ކަމަށް ޖަޕާނު ސަރުކާރުން ވަނީ ބުނެފަ އެވެ.