ބައްސާމް އަދީލް ޖަލީލް

ހިޔާނާތުގެ ފައިސާގައި ބައްސާމް ގަތީ އެޕާޓްމަންޓް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސްގެ މަގާމުގައި އެންމެ ފަހުން ހުންނެވި ބައްސާމް އަދީލް ޖަލީލް އެ އިދާރާގެ ފައިސާއަށް ހިޔާނާތްތެރިވެ އެ ފައިސާގައި ދެ އެޕާޓްމަންޓް ގަނެފައިވާތީ އޭނާގެ މައްޗަށް ދައުވާކުރަން ފުލުހުންގެ އިދާރާ އިން ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.

އެފްއޭއެމްގެ ތެރޭގައި ހިންގާފައިވާ ހިޔާނާތުގެ އަމަލުތައް ތަހުގީގުކުރުމަށްފަހު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ބައްސާމް ދެ އެޕާޓްމަންޓް ގަނެފައިވަނީ އަމީން އެވެނިއު އިން ކަމަށެވެ. އެޕާޓްމަންޓްމަންޓް ގަންނަން ހޭދަކުރި ފައިސާ އަކީ ކޮވިޑްގެ ދުވަސްވަރު ފީފާ އިން ރާއްޖެއަށް ދިން 1.9 މިލިއަން ޑޮލަރުގެ ތެރެއިން އެއް މިލިއަން ޑޮލަރު ކަމަށް ބުންޏެވެ. ފީފާ އިން ދިން ފައިސާ އަކީ ރާއްޖޭގެ ކްލަބުތަކަށް ލޯނެއްގެ ގޮތުގައި ދޫކުރަން ދިން ފައިސާ ކަމަށްވެސް ބުންޏެވެ.

މިމައްސަލައިގައި ބައްސާމުގެ އިތުރުން އެފްއޭއެމްގެ އޭރުގެ ފައިނޭންސް ހެޑް މުހައްމަދު އަގީލް އާއި އެފްއޭއެމްގައި އޭރު އިސްކޮށް އުޅުނު ހަސަން ވަހީދުގެ މައްޗަށް ދައުވާކޮށްދިނުމަށް ފުލުހުން ވަނީ ޕީޖީގައި އެދިފަ އެވެ.

ފުލުހުން ބުނީ އެފްއޭއެމްގެ ފައިސާ އިން އެޕާޓްމަންޓް ގަތުމަށްފަހު އެ ފައިސާގެ އަސްލު އޮޅުވާލުމަށް ލިޔެކިޔުންތަކަށް ބަދަލު ގެނެސްފައިވާތީ އެއީ މަނީ ލޯންޑާކުރުމުގެ އަމަލުތަކެއް ހިންގުމަށް ކޮށްފައިވާ ކަމެއް ކަމަށް ފުލުހުންގެ ތަހުގީގަށް ފާހަގަވާ ކަމަށެވެ.

ފުލުހުން ދިން މައުލޫމާތަށް ބަލާއިރު އެޕާޓްމަންޓް ގަތުމަށް ބައްސާމު ފައިސާ ބޭނުންކުރީ އެ އިދާރާއަށް ފީފާ އިން ފޮނުވި ޑޮލަރު މާރުކޮށްގެން އެފްއޭއެމްއަށް ލިބެންޖެހޭ ފައިސާ އެ އެކައުންޓަށް ނުލައި ބައްސާމު އެ ފައިސާ ބޭނުންކޮށްގެންނެވެ. އެޕާޓްމަންޓް ގަތުމަށް ބައްސާމް، އަމީން ކޮންސްޓްރަކްޝަނަށް ދިން ފައިސާއަކީ ޑޮލަރު ގަތުމަށް ދިން ފައިސާ ކަމަށް ހެދުމަށްޓަކައި އެ ކުންފުނިން އެފްއޭއެމްއަށް ރުފިޔާ އިން ފައިސާ ދެއްކިކަން ދެއްކުމަށްޓަކައި ލިޔެކިޔުންތަކެއް ތައްޔާރުކޮށްފައިވާ ކަމަށްވެސް ފުލުހުން ތުހުމަތު ކުރެ އެވެ. އެހެންވެ މި ހިޔާނާތާ ގުޅިގެން އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދިފައިވާނެ ކަމަަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން މީގެ ކުރިން ވަނީ އެފްއޭއެމްއަށް ލިބެންޖެހޭ 10،000 ޑޮލަރު ބައްސާމުގެ އަމިއްލަ އެކައުންޓަކަށް ޖަމާކޮށް އެ ފައިސާ ބޭނުންކުރި މައްސަލައިގައިވެސް އޭނާގެ މައްޗަށް ދައުވާކުރަން ފޮނުވާފަ އެވެ.