ރައީސް އަބްދުﷲ ޔާމީނާއި ސަރުކާރުގެ އިސްވެރިންގެ ބޮލުގައި ދޮގު އިލްޒާމްތައް އަޅުވަމުން ދަނީ އައިސްފައިވާ ތަރައްގީ ފަނާކޮށް ރާއްޖެ ކުރިއަރައި ތަރައްގީވުން ހުއްޓުވުމަށް ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް އެޅުމަށް ސުނާމީ ބިނާ މާލޭގެ ތިން ރުއް ޕާކަށް ބަދަލުކޮށް، "ސުނާމީ ބިނާ މައިޒާން" ގެ ނަމުގައި ޒަމާނީ ފެންވަރަށް ތަރައްގީކޮށް ހުޅުވަން މިރޭ އެ މައިޒާނުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ތިން އަހަރަށް ވެރިކަން ކުރި ސަރުކާރަކީ ގައުމު ފަނާކޮށްލި ސަރުކާރެއް ކަމަށާއި ރައީސް އަބްދުﷲ ޔާމީން ސަރުކާރާއެކު ތެދުވެ ވަޑައިގެންނެވީ ފަނާކޮށްފައިވާ ކަންކަން ބަދަލުކޮށް ރާއްޖެ އަލުން އާރާސްތުކޮށް ތަރައްގީ ކުރުމަށް ކަމަށާއި ފަނާ ކުރުމާއި އަރާސްތުކޮށް ތަރައްގީ ކުރުމާ ދެމެދު ދިވެހި ރައްޔިތުން ތިބި އިރު މީގެ ތެރެއިން ރަނގަޅުގޮތް ބަލައި ދެނެ ގަންނަން ރައްޔިތުން ޖެހޭނެ ކަމަށެވެ.
މިނިސްޓަރު މުއިއްޒު ވިދާޅުވީ ރާއްޖޭގެ ހާލަތާމެދު ވިސްނާލާއިރު ރައީސް އަބްދުﷲ ޔާމީން ރައްޖޭގެ ތަރައްގީ ކުރަން މަސައްކަތް ކުުރައްވާ ތަނާއި އެކަންކަން ފަނާކޮށްލަން ކަމަށާއި ނަމަވެސް ރައީސް ޔާމީންގެ ހަރުދަނާ ސިޔާސަތުގެ ތެރެއިން އިގްތިސޯދީ ގޮތުންނާއި ތަރައްގީގެ ގޮތުން ރާއްޖެ އާ އުސްމިންތަކަކަށް ގެންގޮސްފައިވާ ކަމަށެވެ.
މުއިއްޒު ވިދާޅުވީ ފަނާ ކުރުމުގެ ފަލްސަފާއަކީ ޣައިރު މުސްލިމުންގެ އަދި ސައިތާނީ ވިސްނުމުގެ ފަލްސަފާ ކަމަށާއި އެއީ ކަމަކާބެހޭ ގޮތުން ދޮގު ހަދައި އިލްޒާމްތައް ނެރެގެން އެ ގޮތް އެއީ ތެދެއް ކަމަށް ބަދަލު ކޮށްލުމުގެ ފަލްސަފާ ކަމަށެވެ.