ލަ ލީގާ

ބާސެލޯނާއިން ވިޔަރެއާލް ބަލިކޮށް ފަރަގު ބޮޑުކޮށްފި

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗެއްގައި ބާސެލޯނާއިން ވަނީ ވިޔަރެއާލް 5-1 އިން ބަލިކޮށް، ސްޕެނިޝް ލަލީގާގެ ޕޮއިންޓް ތާވަލުގައި އެ ޓީމުގެ ފަރަގު އިތުރަށް ބޮޑުކޮށްފަ އެވެ.

މި މޮޅާއެކު ބާސެލޯނާއިން އޮތީ މި ސީޒަނުގައި މިހާތަނަށް ކުޅުނު ހަ މެޗުން 18 ޕޮއިންޓް ހޯދައި، ތާވަލުގެ އެއްވަނައިގަ އެވެ. ދެވަނައިގައިވާ ރެއާލް މެޑްރިޑަށް ހަ މެޗުން ލިބިފައިވަނީ 14 ޕޮއިންޓެވެ.

މެޗުގެ ފުރަތަމަ ދެ ލަނޑު ކާމިޔާބުކޮށްދިނީ ބާސެލޯނާގެ ސްޓްރައިކަރު ރޮބަޓް ލެވަންޑޯސްކީއެވެ. ވިޔަރެއާލްގެ ފަރާތުން އަޔޯޒޭ ޕެރޭޒް ވަނީ އެއް ލަނޑު ޖަހާފަ އެވެ.

ބާސެލޯނާގެ އިތުރު ލަނޑުތައް ކާމިޔާބުކޮށްދިނީ ޕަބްލޯ ޓޯރެސް އާއި ރަފީނިއާ އެވެ. އެގޮތުން ރަފީނިއާ ވަނީ ދެ ލަނޑު ޖަހާފަ އެވެ.

މި މެޗުގައި ބާސެލޯނާގެ ކީޕަރު މާކް އެންޑްރޭ ޓާ ސްޓެގަންގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއެއްގެ ސަބަބުން އޭނާ ވަނީ ބަދަލުކުރަން ޖެހިފަ އެވެ. އަނިޔާގެ ކުޑަބޮޑުމިނާއި އަލުން ކުޅެވޭނެ ދުވަހެއް އަދި ސާފުވެފައެއް ނުވެ އެވެ.

ސްޓެގަން އަކީ ބާސެލޯނާގެ ކެޕްޓަންގެ އިތުރުން އެޓީމުގެ އެންމެ މުހިންމު އެއް ތަނބެވެ. އަނިޔާގެ ސަބަބުން އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހުމުން މިދިޔަ ސީޒަނުގައި ވެސް ބޮޑު ގޮންޖެހުމަކާ އެޓީމު ކުރިމަތިލާން ޖެހުނެވެ.

މި މެޗުގައި ލެވަންޑޯސްކީއަށް ހެޓްރިކެއް ހެދުމުގެ ފުރުސަތު ގެއްލުނީ އޭނާއަށް ލިބުނު ޕެނަލްޓީއެއް ނާކާމިޔާބުވުމުންނެވެ.