ބާސެލޯނާ ފުޓްބޯޅަ ކްލަބުގެ އެއް ނަންބަރު ގޯލްކީޕަރު މާކް-އަންދްރޭ ޓަކް ސޭގަންގެ، ކަނާތު ކަކޫގެ ޕެޓެލާ ޓެންޑަން ނުވަތަ ކަކުލު ހުޅުގެ ކަށިގަނޑު މުޅިން ބިންދައިގެން ގޮސްފައިވާ ކަމަށް އެ ކްލަބުން މިއަދު ރަސްމީކޮށް ހާމަކޮށްފި އެވެ.
މިއަނިޔާގެ ސަބަބުން 31 އަހަރުގެ ޖަރުމަނު ގޯލްކީޕަރު 7 ނުވަތަ 8 މަސް ދުވަހަށް ކުޅުމުން މަހްރޫމްވާނެ ކަމަށް ކްލަބުގެ މެޑިކަލް ޓީމުން ލަފާކުރެ އެވެ.
މާކް-އަންދްރޭއަށް މިއަދު މެންދުރުފަހު ސަރޖަރީއެއް ކުރެވޭނެ ކަމަށް ކްލަބުން އިތުރަށް މައުލޫމާތު ދީފައިވެ އެވެ.
މާކް-އަންދްރޭ ވަނީ ވީހާވެސް އަވަހަށް ރިކަވަރީގެ މަސައްކަތް ފެށުމަށް ބޭނުންވާ ކަމަށް ސްޕެއިންގެ ނޫހެއް ކަމަށްވާ މުންޑޯ ޑެޕޯޓީވޯއަށް ދިން އިންޓަވިއުއެއްގައި ބުނެފަ އެވެ. އެހެންކަމުން، ލަސްނުކޮށް މިއަދުވެސް އޮޕަރޭޝަން ކުރުމަށް ނިންމާފައިވާ ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.
މި އަނިޔާ ލިބުނު ގޮތުގެ ތަފްސީލު އަދި ހާމަކޮށްފައި ނުވި ނަމަވެސް މިފަދަ އަނިޔާތައް އާންމުކޮށް ދިމާވަނީ ކުއްލިއަކަށް ބާރަށްޖެހޭ ޝޮކަކުން ނުވަތަ ގަދައަށް ކަކޫ ދެމިގެންދާ ހާލަތްތަކުގައެވެ.
މާކް-އަންދްރޭގެ މި އަނިޔާއަކީ ވަރަށް ސީރިއަސް އަނިޔާއެއް ކަމަށް ބެލެވެ އެވެ. އަދި މިފަދަ އަނިޔާއަކުން އަރައިގަތުމަށް ގިނަ ދުވަސްތަކެއް ނަގާނެ ކަމަށް ޑޮކްޓަރުންވެސް ލަފާކުރެ އެވެ.
މި ބޮޑު އަނިޔާއާ ގުޅިގެން ގިނަ ބަޔަކު ދަނީ މާކް-އަންދްރޭއަށް ހިތްވަރުދީ، މެސެޖު ފޮނުވަމުންނެވެ.
ބާސެލޯނާގެ އެހެން ކުޅުންތެރިންނާއި ސަޕޯޓަރުންގެ އިތުރުން ވާދަވެރި ޓީމުތަކުގެ ކުޅުންތެރިންވެސް ވަނީ އޭނާއަށް ހިތްވަރު ދިނުމުގެ މެސެޖުތައް ސޯޝަލް މީޑިއާގައި ކޮށްފަ އެވެ.
މާކް-އަންދްރޭގެ މި އަނިޔާއަކީ ބާސެލޯނާއަށް ބޮޑު ގެއްލުމަކަށް ވާނެ އެވެ. އޭނާއަކީ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިންގެ ތެރެއިން އެކެކެވެ. މިކަމާ ގުޅިގެން ކްލަބުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭނެ ކަމަށްވެސް ބެލެވެ އެވެ.
އެހެންކަމުން މާކް-އަންދްރޭގެ ބަދަލުގައި ކުޅެވޭނެ އެ ފެންވަރުގެ ގޯލްކީޕަރެއް ހޯދުމަށް ބާސާ އިން މަސައްކަތް ކުރަން ޖެހޭނެ ކަމަށް ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުންވެސް ބުނެ އެވެ.