ރާއްޖޭގެ ތަރައްގީގެ އެޖެންޑާ އޮމާން ސަރުކާރާ ހިއްސާކޮށްފި އެވެ.
އޮމާން ސަރުކާރާ މިމައުލޫމާތު ހިއްސާ ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އޮމާންގެ ހާރިޖީ ވަޒީރު އަދި އދގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަންނަވާ އޮމާންގެ ވަފްދުގެ އިސްވެރިޔާ ސައްޔިދު ބިން ހަމަދް ބިން ހަމޫދް އަލްބުސައިދީއާ ބައްދަލުކުރެއްވުމަށްފަހު އެވެ.
ރައީސް އޮފީހުން ބުނީ މިބައްދަލުކުރެއްވުމުގައި އޮމާންގެ ސަރުކާރުން ދިވެހިރާއްޖެއަށް ވަމުންދާ އެހީތެރިކަމަށްޓަކައި އެ ގައުމުގެ ސަރުކާރަށް ރައީސް މުއިއްޒު ޝުކުރު އަދާކުރެއް ކަމަށެވެ.
މީގެ އިތުރުން މިބައްދަލުކުރެއްވުމުގައި ރައީސް ވަނީ ބަޖެޓް ސަޕޯޓާއި އިންފްރާސްޓްރަކްޗާ ތަރައްގީކުރުމާއި ޓީޗަރުން ތަމްރީނުކުރުމާއި އިންސާނީ ވަސީލަތް ތަރައްގީ ކުރުން ފަދަ ރާއްޖެއަށް އިތުރު އެހީތެރިކަން ބޭނުންވާ ދާއިރާތައްވެސް ފާހަގަކުރައްވާފަ އެވެ.
ދެ ގައުމުން އިސްކަންދޭ މުހިއްމު ދާއިރާތަކުގައި ގުޅިގެން މަސައްކަތް ކުރުމާއި ދެ ގައުމުގެ ސިޔާސީ އަދި އިސްތިރާޖީ ގުޅުންތައް އިތުރަށް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމަށް ދެ ބޭފުޅުންވެސް ވިދާޅުވި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.